22 Apr 2018, 15:53
މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމިކްް ޔުނިވާސިޓީ (އައިޔޫއެމް) އަށް އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިސްލާމިކްް ޔުނިވާސިޓީގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހާތިމް ހަސަން އަލްމަރުޒޫގީ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ސައުދީގެ އަޚުވަންތަކަމުގެ ގުޅުން އިތުރަށް ތަރައްގީވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން މަދީނާގެ ޔުނިވާސީޓިގެ އެއްބާރުލުން ގިނަ ކަންތައްތައްތަކުގައި ލިބިގެން ދާނެ ކަމަށެވެ.

މަދީނާގެ އިސްލާމިކް ޔުނިވާސިޓީން އައިޔޫއެމްއަށް އެއްބާރުލުން ދިނުމަށް ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ
"ތަމްރީނުގެ ފުރުސަތުތަކާ، ތަފާތު ދާއިރާތަކުން ސްކޯލާޝިޕްގެ ފުރުސަތުތަކާއި އިލްމީ ދިރާސާތައް ސުޕަވައިޒްކުރުމާ އެފަދަ މުހިންމުކަންކަމުގައި މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް އެއްބާރުލުން ލިބިގެންދާނެ." ޑރ. ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީން ބުނީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އިލްމީ ގޮތުންނާއި އަދި ސައިންޓިފިކް ދާއިރާއިން ދެ ޔުނިވާސިޓީން އެއްބާރުލުންދިނުން ވެސް އިތުރުވެގެން ދާނެ ކަމަށެވެ.