ބާސެލޯނާގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ، މިސީޒަނަށް ފަހު އެކްލަބު ދޫކޮށްދާނެ ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދެކެވެމުންދާ ވާހަކައެކެވެ. މިސީޒަނަށް ފަހު އޭނާ ގުޅޭނީ ޗައިނާގެ ކްލަބަކާ ކަމަށް ވެސް ބައެއް ހަބަރުތައް ބުނެ އެވެ.

ގިނަ ހަބަރުތައް ބުނަމުންދާ ގޮތުގައި މިހާތަނަށް 16 އަހަރުގެ މުއްދަތަކަށް ބާސާގެ ސީނިއާ ޓީމަށް ކުޅެފައިވާ އިނިއެސްޓާ، މިސީޒަނަށް ފަހު ފެނިގެންދާނީ އެހެން ކްލަބަކުންނެވެ. ސީނިއާ ޓީމަށް ކުޅެން ފެށުމުގެ ކުރިން އިނިއެސްޓާ ވަނީ ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފަ އެވެ. އެގޮތުން އިނިއެސްޓާ ފާހަގަކޮށްލެވެނީ ބާސާގެ ވަރުގަދަ އުފެއްދުމެއްގެ ގޮތުގަ އެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާ ވަނީ ރޭ، ބާސާގެ ކެޕްޓަންގެ ގޮތުގައި ކޮޕާ ޑެލް ރޭގެ ތަށި އުފުލާލައިފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ސެވިއްޔާ އަތުން 5-0ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗުގައި އިނިއެސްޓާ ވަނީ ލަނޑެއް ކާމިޔާބުކޮށް، ބާސާގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އެ މެޗަށް ފަހު ފާހަގަވި އެންމެ ހައިރާންކުރަނިވި ކަމަކީ ލަލީގާގެ ރަސްމީ މީސްމީޑިއާ އެކައުންޓްތަކުން ފެނުނު ޕޯސްޓްތަކެވެ. އެ ޕޯސްޓްތަކުގައި އިނިއެސްޓާގެ ފޮޓޯއާއެކު އޭނާއަށް ޝުކުރު އަދާކޮށް، ޓުވިޓާގައި "ދަ ފައިނަލް އޮފް އިނިއެސްޓާ"އޭ ޖަހާފައިވެ އެވެ.

ލަލީގާގެ އެކައުންޓުތަކުން އެފަދަ ގޮތަކަށް ޕޯސްޓްތައް ހިއްސާކޮށްފައިވުމުން، ގިނަ ބަޔަކު އޭނާ ބާސާ ދޫކޮށްލަން ނިންމީ ކަމަށް ބުނަން ފެށި އެވެ. އެއީ އާންމުކޮށް ވަރުގަދަ ކުޅުންތެރިން ލަލީގާ ކްލަބުތައް ދޫކޮށްދާ ނަމަ، ލަލީގާގެ އެކައުންޓްތަކުން މަރުހަބާ ކިޔައި، ޝުކުރު އަދާކުރަމުންދާތީ އެވެ.

ލަލީގާއިން މީސްމީޑިއާގައި ޕޯސްޓްތައް ހިއްސާކޮށްފައިވީ ނަމަވެސް، ރޭގެ މެޗަށް ފަހު އިނިއެސްޓާ ބުނީ މި ހަފްތާ ނިމުމުން އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމުމަށް މަޝްވަރާކުރަން ފަށާނެ ކަމަށާއި ފުރަތަމަ ކަމަކީ ބާސާއަށް ލަލީގާ ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ކާމިޔާބީތަކާ އެކު އުފާފާޅުކުރުމަށް ފަހު ވެސް ކުރިމަގާމެދު ގޮތެއް ނިންމަން ވަގުތު އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ބާސާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ ވެސް ވަނީ އިނިއެސްޓާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އިނިއެސްޓާއަށް އެހެން ކްލަބަކުން ހުށަހެޅުމެއް އައިސްފައިވާ ކަމަށް ބާސާގެ ރައީސް ވިދާޅުވި ނަމަވެސް، އެ ހުށަހެޅުން ގަބޫލުކޮށް އިނިއެސްޓާ އެކްލަބަށް ގޮސްދާނެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

"އަހަރެންނަށް އެނގޭ އިނިއެސްޓާއަށް ހުށަހެޅުމެއް އައިސްފައިވާކަން. އެކަމަކު ބާސާއަކީ އޭނާގެ ހަޔާތުގެ ކްލަބު. އަދި އޭނާގެ ލައިފްޓައިމް ކޮންޓްރެކްޓެއް މިކްލަބާއެކު އެބައޮތް. އަހަރެމެން ޓީމުގައި އެބަހުރި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އެއީ ލިއޮނެލް މެސީ. އެކަމަކު އިނިއެސްޓާއަކީ ބާސާ އަދި ފުޓްބޯޅައިގެ ތާރީހުގައި ވެސް ފަވާލެވިފައިވާ ނަމެއް،" މުންޑޯ ޑިޕޯޓިވޯއަށް ދިން އިންޓަވިއުއެއްގައި ބާޓޮމެއު ވިދާޅުވި އެވެ.

ބާސާއާ އެކު އިނިއެސްޓާ ވަނީ 31 ޓްރޮފީ ހޯދައިފަ އެވެ. އޭގެ ތެރޭގައި އަށް ލަލީގާ އާއި، ހަ ކޮޕާ ޑެލް ރޭ އަދި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެ އެވެ.