އުރީދޫ މޯލްޑިވްސްއަށް 2017 ވަނަ އަހަރު ފައިދާގެ ގޮތުގައި 580 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސް ޕލކއިން އާންމުކޮށްފައިވާ އެކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު އާމްދަނީއަށް 14 ޕަސަންޓުގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 580 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 18 ޕަސަންޓުގެ ކުރިއެރުމެކެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، އުރީދޫ މޯލްޑިވްސް ގްރޫޕުގެ އާމްދަނީ އިތުރުވެފައި ވަނީ މޯބައިލް އަދި ބްރޯޑްބޭންޑް ޚިދުމަތުން އާމްދަނީ އިތުރުވުމުގެ ސބަަބުން ކަމަށެވެ.

"ކަސްޓަމަރ ބޭސް ބޮޑުވުމާއި ކަސްޓަމަރުން ބޭނުންވާ ފަދަ އާ ޕްރޮޑަކްޓްތައް ގެނައުމަކީ މި ކުރިއެރުންތަކުގެ އެއް ސަބަބު،" ސީއީއޯ ނަޖީބު ޚާން ވިދާޅުވި އެވެ.

އަހަރީ ރިޕޯޓުގައިވާ ގޮތުން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ އަދަދު 430،000 އަށް ވުރެ އިތުރެވެ.

އޭނާ ވިދާޅުވީ އުރީދޫގެ މަގުސަދަކީ ޑިޖިޓަލް ދިވެހިރާއްޖެއަށް އުފައްދައިދީ، އާންމުން އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދިނުން ކަމަށެވެ.

ހިއްސާއަކަށް ޖެހޭ ފައިދާ ވެސް ވަނީ މިދިޔަ އަހަރު އިތުރުވެފަ އެވެ. ދެހާސް ސޯޅަވަނަ އަހަރު ހިއްސާއަކަށް ޖެހޭ ފައިދާ ހުރީ 3.23 ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 3.78 ރުފިޔާއަށް އިތުރުވެފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ، ހިއްސާއަކަށް 3.20 ރުފިޔާގެ ޑިވިޑެންޑެއް ބެހުމަށް އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހުށަހެޅުމަށެވެ. އެއީ އުރީދޫ މޯލްޑިވްސް ގްރޫޕަށް މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީގެ 85 ޕަސަންޓެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އަންމު ޖަލްސާ އޮންނާނީ މެއި ހަވަނަ ދުވަހުގެ ރޭ، ހޮޓެލް ޖެންގަ އެވެ.