ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ތިން މަޝްރޫއުއެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ކުޅުދުއްފުށީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި ތިން ޕްރޮގްރާމަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ތެރޭ ހިމެނޭ 10 ހާސް ހައުންސިން ޔުނިޓްގެ ތެރެއިން އެޗްޑީސީ އާއި ނޫމަޑި އިންވެސްމަންޓް އިން ކުޅުދުއްފުށީގައި އިމާރާތް ކުރާ 125ގެ ވިއްކުމުގެ އުސޫލު ކަނޑައެޅުމުގެ މަޝްރޫ އެވެ. އަދި ދިވެހި ދަނޑުވެރިން ވިއްކަން ހައްދާ އެއްޗެހި އެސްޓީއޯ އިން ގަނެ ވިއްކުމުގެ މަޝްރޫއު ވެސް ވަނީ އިފްތިތާހު ކޮށްފަ އެވެ. އަދި ކުޅުދުއްފުއްޓަށް ކާގޯ ފެރީގެ ޚިދުމަތް ދިނުން ވެސް ވަނީ މިއަދު އިފްތިތާހުކޮށްފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމަލީ މަސައްކަތް ފަށާފައިވާ 2،000 ގޭގެ ތެރެއިން ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ގެތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި 30،000ރ. ދައްކަން ޖެހޭނެ ކަމަށެވެ. އަދި ގެ ހަވާލުވާ ދުވަހުން ފެށިގެން 20 އަހަރު ތެރޭ 4،500ރ. ދައްކަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޗްޑީސީ އާއި ނޫމަޑި އިންވެސްމަންޓް އިން ކުޅުދުއްފުށީގައި އިމާރާތް ކުރާ ގޭގެ ތެރެއިން ކުޅުދުއްފުށީ ރައްޔިތުންނަށް ހާއްސަ ކުރާ ގޮތަށް ހަމަޖެހިފައި ވަނީ 40 ގެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބާކީ 85 ގެއަށް "ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކުރިމަތިލެވޭނެ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެ 85 ގެ އަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ފަސްޓް ޑިގްރީ އޮތް ފަރާތްތަކަށާއި ކުޅުދުއްފުއްޓަށް ކުރިން އިންވެސްޓް ކޮށްފައިވާ ފަރާތްތަކަށް އިތުރު ޕޮއިންޓެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ އެޗްޑީއެފްސީގައި މޯގޭޖް ކޮށްފައިވާ އެ ގެ ލިބުމުން ވިއްކާ ވެސް ލެވިދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީގެ އިތުރުން ނ. މަނަދޫ އާއި ޅ. ނައިފަރާއި ގދ. ތިނަދޫ އާއި ސ. ފޭދޫ އާއި ކޮލަމާފުއްޓާއި ފޭދޫ ގައި އަޅާ ހައުސިން ޔުނިޓް ތަކަށް ވަންނާނެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ވެސް ކުޅުދުއްފުށީގެ ދަނޑުވެރިން އުފައްދާ އުފެއްދުންތައް ވިއްކާ އުސޫލާ ގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ދިވެހި ބްރޭންޑެއްގެ ގޮތުގައި "އައިލް ފްރެޝް"ގެ ނަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ދަނޑުވެރިންގެ އަތުން ގަނެ މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކުގެ އިތުރުން ރިސޯޓު ތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ކާމިޔާބު މަސައްކަތަކަށް ވީނަމަވެސް ފަށާ އިރު ގޮންޖެހުންތަކަކާ ކުރިމަތިލއްވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކުޅުދުއްފުއްޓަށް ކާގޯގެ ހިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްފަ އެވެ.