22 Apr 2018, 12:30
ބޮލީވުޑް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޕާކިސްތާން އެކްޓަރު އަދި ލަވަކިޔުންތެރިޔާ އަލީ ޒަފަރުގެ ފަރާތުން ޖިންސީ ފުރައްސާރަ އަމާޒުވެފައިވާ ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ބުނަން ފަށައިފި އެވެ.
ޒަފަރުގެ ފަރާތުން "ޖިސްމާނީ ގޮތެއްގައި" ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނެ ފުރަތަމަ އެ ވާހަކަ ދައްކަން ފެށީ ޕަކިސްތާނު ލަވަކިޔުންތެރިޔާ މީޝާ ޝާފީ އެވެ.
އުމުރުން 36 އަހަރުގެ ލަވަކިޔުންތެރިޔާ ޓުވިޓާ މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ތަފާތު އެކި ފަހަރު މަތިން ޒަފަރު އޭނާ އަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.
މީޝާގެ ޓުވީޓާއި ގުޅިގެން ޒަފަރު ވެސް ވަނީ ޓުވިޓާ މެދުވެރިކޮށް ބަޔާނެއް ނެރެ މީޝާގެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި މީޝާ ގޮވައިގެން ކޯޓަށް ދާނެ ކަމަށް ޒަފަރު ވަނީ ބުނެފަ އެވެ.
އެއާ އެކު މުޅި ޕާކިސްތާން ފިލްމު އިންޑަސްޓްރީ ދެބައިވި އެވެ. އެއްބަޔަކު މީޝާ އާ އެއްކޮޅަށް ވާހަކަ ދައްކަމުން ދިޔަ އިރު އަނެއް ބަޔަކު ދިޔައީ ޒަފަރު ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ.
ނަމަވެސް މިހާރު މިވަނީ ޕާކިސްތާން ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ އިތުރު އަންހެނުން ޒަފަރުގެ ފަރާތުން އެކި ކަހަލަ ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށް ބުނެފަ އެވެ.
ޕާކިސްތާން މޭކްއަޕް އާޓިސްޓެއް ވަނީ ޒަފަރު އާއެކު މަސައްކަތް ކުރި ގިނަ އަހަރު ތަކުގައި އެކުވެރިއެއްގެ ފަރާތުން ފެނިގެން ނުވާނެ އަމަލުތަކާއި އިވިގެން ނުވާނެ ބަސްތައް އިވިފައިވާ ކަމަށެވެ.
އެގޮތުން ގައިގައި އަތްލުމާއި، ނުސީދާ ގޮތްގޮތަށް ހުތުރު ވާހަކަ ދައްކައި ހަދާ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެފަދަ ވާހަކަތަކުން، ޒަފަރުގެ ނަޒަރުގައި އަންހެނުންނަކީ އެއްވެސް އަގެއް ނެތް ބައެއް ކަން ހާމަވާ ކަމަށް އޭނާ ބުންޏެވެ.
އޭގެ އިތުރުން ނޫސްވެރިއަކު ވެސް ވަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ އަންހެން ކޮއްކޮއަކަށް ބޮސްދޭން ޒަފަރު މަސައްކަތްކުރި ކަމަށާއި އަދި ކޮއްކޮ އާއެކު ފާޚާނާ އަށް ވަންނަން މަސައްކަތް ކުރި ކަމަށް ވެސް ބުނެފަ އެވެ.
އޭނާ ބުނީ އެ ހާދިސާ ހިނގާފައި ވަނީ ވަރަށް ކުރިން ކަމަށާއި އެ ހާދިސާ މަތިން ހަނދާން ވެސް ނެތިފައި ހުރި ކަމަށެވެ. އަދި ކުރިން އެވާހަކަ ނުދެއްކީ ޒަފަރަކީ އިންޑަސްޓްރީގައި ނުފޫޒު ގަދަ މީހަކަށް ވުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭގެ އިތުރުން ބްލޮގް ލިޔާ އަންހެނަކު ވެސް ވަނީ ޒަފަރު އޭނާގެ ގައިގައި އަތްލަން މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޒަފަރު އާ ދެކޮޅަށް ތެދުވީތީ މީޝާ އަށް ޝުކުރު އަދާކޮށް، ސާބަސް ދެމުންނެވެ.