މާލޭ ވިޔަފާރި ބަނދަރުން ކޮންޓޭނަރު ހުސްކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގަށް މަސައްކަތް ކުރާނެ މަޖޫރީން ރަޖިސްޓްރީވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކަނޑައެޅި މުއްދަތުގައި ރަޖިސްޓްރީ ނުވާ މަޖޫރީންގެ ހުއްދަތައް ބާތިލުކޮށްފި އެވެ.

މާލޭގައި މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން ބައެއް މަޖޫރީން ބުނަމުން ދިޔައީ އެމީހުން މަސައްކަތްކޮށްދޭ އަގުތައް ބަދަލުކުރާނެ ކަމަށެވެ. އެއީ ދުވާލުގެ ވަގުތު މުދާ އުފުލުން މަނާކުރުމުން، ރޭގަނޑު ވެސް މަސައްކަތް ކުރަން ޖެހޭތީ ކަމަށް މަޖޫރީން ބުންޏެވެ.

އެކަމާ ގުޅިގެން ސަރުކާރުން ވަނީ މަޖޫރީންގެ ޚިދުމަތުގެ އަގު ބޮޑުކުރުމުން ތަކެތީގެ އަގަށް ބަދަލުތަކެއް އައި ނުދިނުމަށް ޓަކައި މަޖޫރީންގެ އަގުތައް ކޮންޓްރޯލްކޮށްފަ އެވެ.

އޭޕްރިލް ފަސްވަނަ ދުވަހު އެމްޕީއެލްއިން ވަނީ ސަރުކާރުން ކަނޑައެޅި އަގުތަކަށް މުދާ ހުސްކުރާނެ މަޖޫރީން ރެޖިސްޓްރީވުމަށް އިއުލާނުކޮށްފަ އެވެ. އެކަމަށް އެމްޕީއެލްއިން ދިނީ އޭޕްރިލް ހަތަރު ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެކެވެ.

އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް ހުށަނާޅާ ހުރި ފަރާތްތަކުގެ ކުރީގެ ރެޖިސްޓްރީތައް ބާތިލުވެފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތުން، އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެތެރެއަށް ވިއްކުމަށާއި އަދި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކާއި އެފަދަ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

އޭގެ އިތުރުން ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުލޭނެ ގަޑިއެއް ކަމަށް ޓްރާންސްޕޯޓް އޮތީރިޓީން ކަނޑައަޅާފައި ވަނީ ހެނދުނު 08:30 އިން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.