ހޮލީވުޑުގެ ތަރި އަދި ކޮމޭޑިއަން ވާން ޓްރޯޔާ އުމުރުން 49 އަހަރުގައި މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން މިމަހުގެ ކުރީކޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ.

އޭނާ މަރުވި ހަބަރު އާންމުކޮށްފައި ވަނީ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައެވެ. މަރުވީ ކޮންތާކުކަމެއް އަދި ސީދާ ކީއްވެ ކަމެއް ބުނެފައެއް ނުވެއެވެ.

ޖެނެޓިކް މައްސަލައެއްގެ ސަބަބުން އޭނާގެ ހަށިގަނޑު ތިން ފޫޓަށް ވުރެ ދިގެއް ނުވެއެވެ. ދެ ފޫޓު އަށް އިންޗީގެ މި ހުނަރުވެރިއާ އަކީ ސްޓަންޓް ޕާފޯމަރެއްވެސް މެއެވެ. ހެރީޕޮޓާގެ ފުރަތަމަ ފިލްމުގައި އޭނާ ވަނީ ގްރިޕްހޫކްގެ ބައިވެސް ކުޅެފައެވެ. އޭނާއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނީ އޮސްތިން ޕަވާސްގައި ކުޅެފައިވާ "މިނީ -މީ" ގެ ކެރެކްޓާ އަށެެވެ.

ސެލެބްރިޓީ ބިގް ބްރަދާ 2009 ގައިވެސް ޓްރޯޔާ ވަނީ ފެނިގެން ގޮސްފައެވެ. ބޭބީސް ޑޭ އައުޓް ފިލްމުގައި އޭނާގެ ސްޓަންޓުގެ ހުނަރު ވެސް ފެނިގެން ގޮސްފައިވެއެވެ.

ވާން ޓްރޯޔާގެ މަރާއެކު ހޮލީވުޑުގެ ފަންނާނުން އަންނަނީ އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.