31 Aug 2011, 12:47
ޓޫރިސްޓް ރިސޯޓް ހެދުމަށާއި އެނޫން ތަރައްގީގެ މަސައްކަތްތައް ކުރުމަށް ސަރުކާރުން ބިން ބިމާއި ރަށްތައް ކުއްޔަށް ދެމުން ދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، އެގޮތަށް އެކަން ކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ސަރުކާރަށް އަންގައިފި އެވެ.
އޭސީސީން ރޭ ނެރުނު ބަޔާނުގައި ބުނަނީ، މިހާރަކަށް އައިސް ޓޫރިސްޓް ރިޒޯޓް ހެދުމަށާއި އެކިއެކި ބޮޑެތި މަޝްރޫއުތައް ހިންގުމަށް ރަށްރަށާއި ބިންބިމާއި ފަޅު ފަދަ ތަންތަން ހޯދުމަށް އަމިއްލަ ފަރާތްތަކުން ނޭޝަނަލް ޕްލޭނިންގް ކައުންސިލަށް ހުށަހެޅުމުން، އެފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް އެކައުންސިލްގައި މަޝްވަރާކޮށް، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ބައެއް ފަރާތްތަކަށް އެފަދަ ތަންތަން ދޫކުރަމުން ގެންދާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
"މިކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާ އިރު، އެކަން ކުރައްވަމުން ގެންދަވަނީ، ދެފުށް ފެންނަ ހާމަކަންބޮޑު ގޮތެއްގައި ނޫންކަމާއި އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް މިކޮމިޝަނަށް ފާހަގަ ކުރެވެ އެވެ،" އޭސީސީގެ ބަޔާނުގައި ބުނެ އެވެ.
އެހެންކަމުން، ރަށްރަށާއި ބިންބިމާއި ތަންތަން ދޫކުރުމުގައި ވީހާ ވެސް ހާމަކަންބޮޑު ގޮތެއްގައި، އެފަދަ ކަންތައްތަކަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބޭގޮތަށް، އާންމުކޮށް އިއުލާންކޮށްގެން އެފަދަ ތަންތަން ދޫކުރުމަށް ރައީސް އޮފީހާއި، ނޭޝަނަލް ޕްލޭނިން ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީ އާއި ނެޝަނަލް ޕްލޭނިން ޑިޕާޓްމަންޓަށް އެންގާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީގެ ބަޔާނުގައި ވަނީ، އެ ކޮމިޝަނަށް ފާހަގަކުރެވޭ މައްސަލަތައް ހިމަނައިފަ އެވެ.
އެގޮތުން އެފަދަ މަސައްކަތްތައް ކުރުމަށް ނުވަތަ އެފަދަ ތަންތަން ތަރައްގީކުރުމަށް އެދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް އާންމުކޮށް އިއުލާން ކޮށްގެން ކުރިއަށް ނުގެންދާ ކަމަށް އޭސީސީން ބުނެ އެވެ.
އަދި ދޫކުރާނެ ރަށްރަށް ނުވަތަ ތަންތަން ސަރުކާރުން ކުރިން ކަނޑައެޅުމެއް ނެތި، އެފަރާތަކުން ބޭނުންވާ ކޮންމެ ވަގުތެއްގައި، ބޭނުންވާ ކޮންމެ ތަނެއް ހޯދުމަށް ހުށަހެޅޭ ގޮތަށް އޮތުމަކީ ވެސް މައްސަލައެއް ކަން އޭސީސީން ފާހަގަކުރެ އެވެ.
"އެގޮތަށް އެކަން އޮތުމުން، އެރަށަކީ ނުވަތަ އެތަނަކީ އެފަދަ މަސައްކަތަކަށް ދޫކުރައްވަން ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށެއްކަން ނުވަތަ ތަނެއްކަން ޢާންމުކޮށް ހުރިހާ ފަރާތްތަކަށް އެނގިފައި ނެތުމުން، އެކަމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ނުލިބުން. އަދި އެކަމުގެ ސަބަބުން، ދައުލަތަށާއި ރައްޔިތުންނަށް ލިބެންވާ ފުރިހަމަ މަންފާ ނުލިބި ދިޔުމުގެ ފުރުސަތު އޮތުން،" އޭސީސީން ބުނެފައިވެ އެވެ.
މީގެ އިތުރުން ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިންބިން ދޫކުރުމުގައި ސަރުކާރު ބައިވެރިވެގެން އިންވެސްޓް ކުރާނަމަ އާންމުކޮށް އިއުލާންނުކޮށް އެކަން ކުރެވިދާނެކަމަށް ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާއިން އެނގެން އޮތް ނަމަވެސް، އިންވެސްޓްމަންޓްގެ ކުޑަކުޑަ ޕަސެންޓެއް ސަރުކާރުގެ ހިއްސާގެ ގޮތުގައި ހަމަޖެއްސުމަށް ފަހު، ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުގެ ހިއްސާ އަނެއް ފަރާތަކަށް ވިއްކާލުމަށް ސަރުކާރުން އެއްބަސްވެ، އެގޮތަށް ވަކި ފަރާތްތަކަކަށް ރަށްރަށާއި ބިންބިމާއި ތަންތަން ދޫކުރާ ނަމަ، އެކަމަކީ ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯއްދައި ދިނުމަށް ސަރުކާރުން ކުރާ ކަމެއް ކަމުގައި ބެލުމުގެ ފުރުޞަތު އެބަ އޮތް ކަމަށް ވެސް އޭސީސީން ބުނެ އެވެ. އަދި އެކަން އެގޮތަށް ކުރެއްވުމުގެ ސަބަބުން، ދައުލަތާއި ރައްޔިތުންނަށް ލިބެން ޖެހޭ ފުރިހަމަ ފައިދާއާއި މަންފާ ލިބުމަށް ހުރަސްއެޅިގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި އެފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށާއި ތަންތަން ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުވަތަ އެފަދަ ބޭފުޅުންގެ ގާތް ފަރާތްތައް ނުވަތަ އެފަދަ ބޭފުޅުންނާ އާއިލީ ގޮތުން ގުޅިފައިވާ ފަރާތްތައް ހިމެނޭ ނަމަ، އެކަމުގައި މަސްލަޙަތު ފުށުއަރާ ފަދަ ހާލަތްތައް ދިމާވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭސީސީން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ވަކި ސިޔާސަތެއް އާންމުކޮށް ހާމަނުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށް ޝަރުތުކޮށް ރަށްތައް ކުއްޔަށް ދިނުމަކީ ވެސް "އެކަމަށް ބޭނުންވާ ހުރިހާފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު" ނުލިބޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށާއި، ރައްޔިތުންނަށް ލިބެންވާ އެންމެ ފުރިހަމަ މަންފާ ނުލިބި ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭސީސީން ބުނެ އެވެ.