އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ފައިނަލަށް ދަތުރުކޮށްފިއެވެ.

ވެމްބްލީގައި ކުޅުނު މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުނައިޓެޑުން ފައިނަލްގެ ޖާގައެއް ހޯދާފައިވާ އިރު، މިއީ ޔުނައިޓެޑް އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކުރި ރެކޯޑު 20 ވަނަ ފަހަރެވެ. އެހެން ނަމަވެސް އެންމެ ގިނަ ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައިވަނީ އާސެނަލެވެ.

މެޗުގެ ކުރީކޮޅުގައި ޓޮޓެންހަމްގެ ފަރާތުން ފެނިގެން ދިޔައީ ވަރުގަދަ ކުޅުމެކެވެ. ހަލުވި ރީތި ފުޓުބޯޅައެއް ކުޅެމުންދިޔަ ޓޮޓެންހަމް ލީޑު ނެގީ މެޗުގެ 11 ވަނަ މިނެޓުގައެވެ. ޓޮޓެންހަމްއަށް ލީޑު ނަގައިދިނީ ޑެލީ އަލީއެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޓޮޓެންހަމްއިން މޮޅަށް ކުޅުނު ނަމަވެސް ޔުނައިޓެޑުން ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި، 24 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕައުލް ޕޮގްބާގެ ހުރަސް، ބޮލުން ގޯލަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަކޮށްދިނީ އެލެކްސިސް ސަންޗޭޒެވެ.

މިދިޔަ ހަތަރު ސީޒަންގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓޮޓެންހަމްއަށް މިސީޒަންގައި ތަށްޓެއް ހޯދުމަށް އޮތް ހަމައެކަނި އުންމީދަކީވެސް އެފްއޭ ކަޕެވެ. ޔުނައިޓެޑަށްވެސް މިސީޒަންގައި ހޯދެން އޮތް ހަމައެކަނި ތަށްޓަކީ މިހާރު އެފްއޭ ކަޕެވެ.

ރޭގެ މެޗުގެ ދެވަނަ ހާފްގަައި ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ޑިސިޕްލިން ކުޅުމެކެވެ. އެގޮތުން އެޓީމުގެ ފަހަތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު، މެޗު ފެނިގެން ދިޔައީ ބެލެންސް ކޮށެވެ. މާ ގިނަ ހަމަލާތަކެއް އުފެއްދިތަން ނުފެނުނު ނަމަވެސް މެޗުގެ 62 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ އެންޑާ ހެރޭރާއެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގައި ޓޮޓެންހަމްގެ އެރިކް ޑަޔާގެ ހަމަލާ، ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، މެޗުގައި އިތުރު ގިނަ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ.

މެންޗެސްޓާ ޔުނައިޓެޑް ފައިނަލްގައި ވާދަކުރަން ޖެހޭ ޓީމު ކަށަވަރުވާނީ މިރޭ ޗެލްސީއާއި ސައުތުހެމްޓަން ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

އެފްއޭ ކަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.