22 Apr 2018, 10:21
ދެކުނުގެ ރަށްރަށަށް ވިއްސާރަކުރަނީ އައްޑޫގެ ދެކުނުން ގާތްގަނޑަކަށް 1000 ކިލޯމީޓަރު ދުރުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މެޓުން ބުނީ އެކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވޭތުވެ ދިޔަ ދެ ދުވަހު ވިއްސާރަ ކުރި ކަމަށެވެ. ހާޢްސަކޮށް ދެކުނުގެ އަތޮޅުތަކަށް ބޯކޮށްވާރޭ ވެހުނު ކަމަށް އެ އިދާރާ އިން ބުންޏެވެ.
މެޓުން ބުނީ މިމަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ އަށް 111 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އަދި 47 މޭލަށް ވައިގަދަވި ކަމަށެވެ. އެ އިދާރާ އިން ބުނީ އަދި ހުވަދޫ އަތޮޅު ދެކުނުބުރިއަށް 56 މިލިލީޓަރުގެ ވާރޭވެހުނު ކަމަށާއި އެ ސަރަހައްދަށް 39 މޭލަށް ވައިގަދަވި ކަމަށެވެ.
ކޮޅިގަނޑު ރާއްޖެއާ ދުރަށް ޖެހެމުންދާކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް ކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ބާނިތައް ބޮޑުވެފައިވާތީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް މެޓުން ލަފާކުރެއެވެ.
އެގޮތުން މިއަދު އުތުރުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ 16:58 ގައެވެ. މެދު ރާއްޖެތެރެއަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ 17:39 ގައެވެ. އަދި ދެކުނަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ އިރުއޮއްސި 6:42 ގައެވެ.
މާދަމާ ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވާ ގަޑި:
ދެކުނު: 6:10 އަދި 20:38
- އުތުރު: 3:42 އަދި 18:13
- މެދުރާއްޖެ: 04:50 އަދި 19:10