"މާވާ ސްޓާ" ނަމަކަށް ކިޔާ 100 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ވ. ފުލިދޫ ހުޅަނގުން 4.7 ނޯޓިކަލް މޭރު ބޭރުން ދިޔަވެ އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ހަބަރު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ މިއަދު ހެނދުނު 6:15ގައި ކަމަށެވެ.

ހާދިސާގެ ހަބަރު ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނީގައި ތިބި މީހުންނަށް އެހީތެރިވާން ފެށި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ދޯނި އަޑިޔަށް ގޮސްފައި ވަނީ ގިރިއަކަށް އަރައި ދޯނީގެ ބަނޑު ފިލައި ފޫދިޔުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހާދިސާ ހިނގި އިރު ދޯނީގައި ފަސް މީހަކު ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސިންނެވެ. އެ މީހުން ސީ އެމްބިއުލޭންސް އަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނީގައި މައިގަނޑު ގޮތެއްގައި ހުރީ ލަކުޑި ކަމަށާއި އެތަކެތި ފެންމަތީގައި އޮޔާ ދެމޭނެތީ އެ ސަރަހައްދުން ދަތުރު ކުރާ މީހުން އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.