31 Aug 2011, 13:05
ޅ. ހިންނަވަރު ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެގެ މީހަކު ގަސްތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި ހާދިސާގައި ހިންނަވަރު ބިޖިލީގެ އެއްކޮށް އަނދައި ހުލިވި މައްސަލައިގެ ތުހުމަތުގައި އެ ރަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ނުދެއްވި އެވެ.
"އޭނާ ހައްޔަރުކޮށްފައި ވަނީ އެކަމަކީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރެވިގެން،" އޮފިޝަލް ވިދާޅުވި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެމައްސަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހަކީ އެރަށު ބުލްބުލާގޭ އިބްރާހިމް ނައީމެވެ.
ރޭ ދަންވަރު ހިނގި އެ ހާދިސާގައި އެގޭގައި ރޯވި އަލިފާންގަނޑު ރައްޔިތުން ވެގެން ވަނީ ނިއްވާލާފަ އެވެ.
ފިރިހެނަކު ދިރިއުޅެމުން ދިޔަ ހަތަރު ކޮޓަރީގެ އެގެ އެގޭގައި އަލިފާނުގެ ހާދިސާ ހިނގި އިރު، އެމީހާ ހުރީ ގޭތެރޭގައި ކަމަށްވެ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.