ޅ. އަތޮޅު ކުރެއްދޫ ރިސޯޓްގައި ހިނަގި އެކްސިޑެންޓެއްގައި މަރުވި އިނގިރޭސިވިލާތުގެ ދެމަފިރިން ކަމަށްވާ އެމާ ގްރޭ އާއި ޖޮނަތަންގެ ކައިވެންޏަށް އެއް މަސް ފުރުނު ދުވަހާ ދިމާކޮށް އެމީހުންގެ ޖަނާޒާ ބާއްވައިފި އެވެ.

ހަލި ފާޒް މިންސްޓާގައި އިއްޔެ އޮތް ޖަނާޒާ އަށް އެތައް ސަތޭކަ ބަޔަކު ހާޒިރުވިކަމަށް އިނގިރޭސި ވިލާތުގެ ޔޯކްޝަޔާ ޕޯސްޓް ނޫހުގައި ބުނެފައިވެ އެވެ.

ޖޮނަތަންއާއި އެމާގެ ޖަނާޒާއަށް އަންނަ މީހުން ވީހާ ވެސް ރީތި ކުލަތަކުގެ ހެދުންތައް ލައިގެން އައުމަށް އެ ދެ މީހުންގެ އާއިލާ އިން އެދިފައިވާ ކަމަށާއި އެއީ އެ ދެ މީހުންގެ ކައިވެންޏަށް އެއް މަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން ކަމަށް ވެސް އެނޫހުގައިވެ އެވެ.

ޖޮނަތަން އާއި އެމާގެ ޖަނާޒާގެ ކަންތައްތައް އިސްވެ ކޮށްދިނީ މީގެ އެއް މަސް ކުރިން އެމީހުންގެ ކައިވެނި ކޮށްދިން ރޭވް ކްރިސް ވޭ އެވެ. އެ ދެ މީހުންގެ ޖަނާޒާއަށް އެދެމީހުންގެ ތުއްތު ދަރިފުޅު ވެސް ގެންދިޔަ ކަމަށް ޔޯކްޝަޔާ ޕޯސްޓްގައިވެ އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ކުރެއްދޫ ރިސޯޓުގައި އެދެމަފިރިން މަރުވީ ކުއަޑް ބައިކް އެކްސިޑެންޓެއްގަ އެވެ. އެދެމީހުންނާއެކު ދަތުރުކުރަމުންދިޔަ ކުއަޑް ބައިކް އެކްސިޑެންޓުވީ ގަހެއްގަ ޖެހި ކަމަށް ފުލުހުން ބުނެ އެވެ. އެ ވެހިކަލް ދުއްވަން އިން މީހާ އަށް އެކި ވަރުގެ އަނިޔާތަކެއް ލިބުނު ނަމަވެސް، އޭނާ ވަނީ ސަލާމަތްވެފަ އެވެ.

ފުލުހުން ގެންދަނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.