ދިއްލީ (އޭޕްރިލް 21): އިންޑިއާގައި 12 އަހަރުން ދަށުގެ ކުޑަކުދިން ރޭޕް ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެގައުމުގެ ކެބިނެޓުން ފާސްކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްކޮށް ހުންނަވާ ޔޫނިއަން ކެބިނެޓުން ކުއްލި އަމުރެއްގެ ގޮތުގައި އެގައުމުގެ ޖިނާއީ ގާނޫނަށް ބަދަލު ގެނައީ ގާނޫނު ހަދާ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށެވެ. އެގައުމުގެ ނޫސްތަކުގައިވާ ގޮތުން އެއަމުރު ދެން ފޮނުވާނީ ރައީސް ރާމް ނަތު ކޯވިންދު އަރިހަށެވެ.

މީގެ ކުރިން އެގައުމުގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ބެހޭ މާއްދާގައި ބަޔާންކޮށްފައި ވަނީ ކުޑަކުދިން ރޭޕްކުރާ މީހުންނަށް މަދުވެގެން ހަތް އަހަރުގެ ޖަލު ހުކުމެއް ނުވަތަ އުމުރަށް ޖަލަށް ލާން ހުކުމްކުރެވޭނެ ކަމަށެވެ.

ނަމަވެސް މިއަދު އިންޑިއާގެ ކެބިނެޓުން ފާސްކުރި އަމުރާ އެކު 12 އަހަރުން ދަށުގެ ކުދިން ރޭޕް ކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި 16 އަހަރުން ދަށުގެ ކުދިން ރޭޕް ކުރާ މީހުންނަށް 20 އަހަރާއި އުމުރު ދުވަހާ ދެމެދުގެ ޖަލު ހުކުމް ކުރެވޭނެއެވެ.

އިންޑިއާގެ ކެބިނެޓުން އެފަދައިން ނިންމާފައި ވަނީ އެގައުމުގެ ދެ ކުޑަކުއްޖަކު އަނިޔާވެރި ގޮތަކަށް ރޭޕުކުރި މައްސަލަތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި އަށް އަހަރު މުސްލިމު ކުއްޖަކު ރޭޕުކުރި މައްސަލައެކެވެ. އަދި ދެވަނަ މައްސަލައަކީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މަަޖިލިސް މެމްބަރަކު 16 އަހަރުގެ ކުއްޖަކު ރޭޕުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އިންޑިއާގެ ގާނޫނަށް އެބަދަލު ގެނައި ނަމަވެސް ކުޑަކުދިން ރޭޕުކުރާ މީހުން ހުއްޓުވޭނެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން އެންޑީޓީވީން ބުނި ގޮތުގައި އެގައުމުގެ ކުޑަކުދިން ރޭޕުކުރުމުގެ ދައުވާ ލިބޭ ކޮންމެ 10 މީހުންގެ ތެރެއިން ދައުވާ ސާބިތު ވަނީ އެންމެ ތިން މީހުންގެ މައްޗަށެވެ. އޭގެ މާނައަކީ ރޭޕުކުރުމުގެ ދައުވާ ލިބޭ 70 ޕަސެންޓު މީހުން މިނިވަންވާކަން ކަމަށް އެނޫހުން ފާހަގަ ކުރިއެވެ.