ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މިހާރު ހަދާފައި ހުރި ގަވާއިދުތައް އަލުން ދިރާސާކޮށް، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ވީއެންމެ އަވަހަކަށް އެޅުމަށް ޑިފެންސް މިނިސްޓަރު ތޮލްޙަތު އިބްރާހިމް ކަލޭފާނު އެމްއެންޑީއެފްގެ ސޭފްޓީ ބޯޑަށް އަންގަވައިފި އެވެ.

ސިފައިންގެ ސަލާމަތީ ގަވައިދުތައް އިސްލާހުކުރައްވަން މިނިސްޓަރު އަންގަވާފައި މިވަނީ، ބޮލަށް ވަޒަނެއް އަރައިގެން މިދިޔަ އާދީއްތަ ދުވަހު މަރުވި ހާދިސާ ދިރާސާކޮށް ނިމުމުގެ ކުރިން އެފަދަ ކަމެއް އިތުރަށް ތަކްރާރު ވިޔަ ނުދިނުމަށްޓަކައި ކަމަށް އެމްއެންއެންޑީއެފް އިން ބުނެ އެވެ.

"އެހެންކަމުން، މިހާރު ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހެދިފައިހުރި ގަވާއިދުތައް ދިރާސާކުރުމުގެ ކުރިންވެސް އެ ޤަވާއިދުތަކުގައި އެފަދަ އެއްވެސް ކަމެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ނަމަ ވީއެންމެ އަވަހަކަށް އެކަންކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް ތޮލްޙަތު އިބްރާހިމް ކަލޭފާނު ވަނީ އެމްއެންޑީއެފްގެ ސޭފްޓީ ބޯޑަށް އަންގަވާފައެވެ." އެމްއެންޑީއެފްގެ ބަޔާނެއްގައި ބުނެފައިވެ އެވެ.

ލ. ކައްދޫ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްދާ ބޮޑީގާޑް ޓްރޭނިންގ ތަމްރީނުތަކުގެ ތެރޭގައި އުޅެނިކޮށް ސާޖެންޓް އިބްރާޙީމް ޝައުކަތުގެ ބޮލަށް ވަޒަނެއް އަރައި މަރުވި ހާދިސާ ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.