21 Apr 2018, 13:05
"މާ ސާފު މާލެ" ޝިޔާރުގެ ދަށުން މިއަދު ހެނދުނު އެންވައިރަމެންޓް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި މާލެ ސިޓީން 70 ޓަނުގެ ކުނި ނަގައި މުޅި މާލެ އެއްކޮށް ސާފުކޮށްލައިފި އެވެ.
ހެނދުނު 7:30ގައި މާލެ އަދި ވިލިނގިލި ސާފު ކުރުމުގެ ޕްރޮގްރާމް ފެށި އިރު އެ މަސައްކަތް ނިންމާލާފައި ވަނީ ހެނދުނު 9:00 ޖެހިއިރު އެވެ. ސަރުކާރުގެ އިސްވެރިންނާއި މިނިސްޓްރީތަކުގެ މުވައްޒަފުންގެ އިތުރުން އަމިއްލަ ކުންފުނިތަކުން 4،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުނެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ މާލެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ސަރުކާރުގެ އިސްވެރިންތަކެއް އެމްޑީޕީ ހަރުގު ކުރިމަތި ސާފުކުރަނީ --- ފޮޓޯ: އެންވައިރުމެންޓް މިނިސްޓްރީ
ހާއްސަ ރަސްމިއްޔާތެއްގައި ހެންވޭރު ދަނޑުން ފެށި އެ ޕްރޮގްރާމް ނިންމާލުމަށް ފަހު މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވައިރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ މާލެތެރެ ސާފު ކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލެވިފައި ވަނީ 120 އޮފީހަކުން 4500 އަށް ވުރެ ގިނަ ބައިވެރިންގެ އެހީތެރިކަމާ އެކު ކަމަށެވެ.
މީގެ ކުރިން ވެސް އެފަދަ ސާފުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ ނަމަވެސް ޖެހިގެން އަންނަ ދުވުހު އަނެއްކާ ވެސް ކުނިބުނިތައް މާލެ ތެރޭގެ އެކި ސަރަހައްދުތަކަށް އަޅާކަން ފާހަގަކޮށް އާމިރު ވިދާޅުވީ މިރޭ 12:00 އިރުން ފެށިގެން ވެމްކޯ އިން ރަސްމީކޮށް މާލެތެރެ ސާފުކޮށް ބޭއްވުމުގެ ޒިންމާއާ ހަވާލުވާނެ ކަމަށެވެ. އަދި މިއަދު މާލެތެރެ ސާފުކުރުމަށް ނިކުތް އެންމެ ބޮޑު ބޭނުމަކީ ވެސް ވެމްކޯއަށް އެހީތެރިވެދިނުން ކަން އާމިރު ފާހަގަކުރެއްވި އެވެ.

މިއަދު ކުރިއަށް ގެންދިޔަ މާލެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: އެންވައިރުމެންޓް މިނިސްޓްރީ
"އޭރުން ދެން ކުރިއަށް އޮތްތަނުގައި ވެމްކޯ އިން ގަވާއިދުން މަސައްކަތް ފަށައިގެން ކުރިއަށް ދިޔައީމާ މާލެތެރެ އަކީ ސާފު ތަނެއްގެ ގޮތުގައި ބެލެހެއްޓުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެން ދާނެ،"
"މިއަދު ހެނދުން ފެށިގެން ގާތްގަޑަކަށް އަޅުގަނޑުމެން މި އެސްޓިމޭޓް ކުރަނީ 70 ވަރަކަށް ޓަނުގެ ކުނި ޖަމާކުރެވިއްޖެ ކަމަށް،" އާމިރު ވިދާޅުވި އެވެ.

މިއަދު ކުރިއަށް ގެންދިޔަ މާލެ ސާފުކުރުމުގެ ޕްރޮގްރާމްގައި ކުޑަކުދިންތަކެއް --- ފޮޓޯ: އެންވައިރުމެންޓް މިނިސްޓްރީ
މާލެތެރެ ސާފުކުރުމުގެ ޕްރޮގްރާމް ފެއްޓުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން އިސްނަގައިގެން މާލެ ސާފުކުރުމަށް ނިކުންނަކަން އިއުލާންކުރުމާ ގުޅިގެން ރޭ ދަންވަރު މާލޭގެ އެކި ސަރަހައްދުތަކަށް ކުނި ޖަމާކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އެގޮތަށް މާލެ ތެރެއަށް ކުނި އަޅާ ފަރާތްތައް ދެނެ ގަނެ ފިޔަވަޅު އަޅާނެ ކަމަށް އެންވައިރުމެންޓް މިނިސްޓްރީން ބުނެ އެވެ.