ޔޫރަޕިއަން ޔޫނިއަނުން ނެރެފައިވާ ގަރާރާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮށްފައިވާ ޓުވީޓުން ދޭހަވަނީ، އެ މަނިކުފާނު އަމިއްލަފުޅަށް ރާއްޖޭގައި ދީނީ މިނިވަންކަން އޮތުމާ ދެކޮޅު ނޫންކަން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓުން ދޭހަވާ ކަންކަން ފާހަގަކުރައްވައި މުއިއްޒު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ދީނީ މިނިވަންކަން އޮތުމަށް ރައީސް ނަޝީދު އަމިއްލަ ފުޅަށް ދެކޮޅު ނުވާކަން ދޭހަވާ ކަމަށެވެ. އަދި ހާއްސަކޮށް އެ ގަރާރުގައިވާ ތަރިކަމުދާ ބެހުމާ ދެކޮޅު މާއްދާ އާއި ސުންނީ މުސްލިމަކަށް ވުމާ ދެކޮޅު މާއްދާއާ ނަޝީދު ދެކޮޅު ނުވާކަން ދޭހަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ރައީސް ނަޝީދުގެ ވާހަކަފުޅުގައި މަސައްކަތް ކުރައްވަނީ ރާއްޖޭގެ ރައްޔިތުން އީޔޫ ގަރާރުގައިވާ އެ ކަންކަމަށް ދެކޮޅު ހަދާކަން ބޭރު ދުނިޔެއަށް އޮޅުވާލުމަށް މަސައްކަތް ކުރައްވާކަން ވެސް ދޭހަވާ ކަމަށެވެ.

އީޔޫ ގަރާރުގައި އޮތީ ހަމައެކަނި ދީނީ މިނިވަން ކަމުގެ ވާހަކަ ކަން ދިވެހި ރައްޔިތުންނަށް ދެއްކުމަށާއި ދިވެހި ރައްޔިތުންނަށް ވެސް އޮޅުވާލަން ނަޝީދު މަސައްކަތް ކުރައްވާފައިވާ ކަމަށް މުއިއްޒު ތުހުމަތު ކުރެއްވި އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީޔޫ އިން ވަނީ އަށް ދާއިރާއަކުން 22 ކަމެއް ހުށައަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދީނީ މިނިވަންކަން ނޫން އެހެން ހުރިހާ ކަންކަމަކީ ދިވެހި ރައްޔިތުން އިންތިހާ އަށް ބޭނުންވާ ކަންކަން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.