21 Apr 2018, 12:36
މެދުތެރޭ އެފްރިކާގެ ގައުމެއް ކަމުގައިވާ ރިޕަބްލިކް އޮފް ކޮންގޯއާ އެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފި އެވެ.
ރާއްޖެއާއި ރިޕަބްލިކް އޮފް ކޮންގޯއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު، އެމެރިކާގެ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ނިއުޔޯކުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދާއި ރިޕަބްލިކް އޮފް ކޮންގޯގެ ދާއިމީ މަންދޫބު ރޭމަންޑް ސޭޖޭ ބޭލްއެވެ.
ރިޕަބްލިކް އޮފް ކޮންގޯއަކީ ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރާ 168 ވަނަ ގައުމެވެ.
މެދުތެރޭ އެފްރިކާގައި "ކޮންގޯ"ގެ ނަމުން ނަން ދީފައިވާ ދެ ގައުމެއް އޮވެ އެވެ. އެއީ ރިޕަބްލިކް އޮފް ކޮންގޯ އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އެވެ. ދެ ގައުމަށް ވެސް ނަން ދީފައި ވަނީ އެފްރިކާ ބައްރުގެ ދެވަނައަށް އެންމެ ބޮޑު ކޯރު، ކޮންގޯ ކޯރުގެ ނަމުންނެވެ.
ދެ ގައުމަށް އެއް ނަމެއް ކިޔާތީ، އެގައުމުތަކަށް ނިސްބަތްކޮށް ކިޔައިއުޅެނީ އެގައުމުތަކުގެ ވެރިކަންކުރާ ރަށުގެ ނަންވެސް ހިމަނައިގެންނެވެ. އެގޮތުން، ރިޕަބްލިކް އޮފް ކޮންގޯއަށް ކޮންގޯ-ބްރާޒަވިލްއޭ ކިޔާ އިރު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ކިޔަނީ ކޮންގޯ-ކިންޝާސާ އެވެ.

ރިޕަބްލިކް އޮފް ކޮންގޯގެ ދިދަ ---
ކޮންގޯ-ބްރާޒަވިލްގައި އެންމެ ކުރިން އުޅުނީ އެފްރިކާގެ ބަންޓޫ ނަސްލުގެ މީހުންނެވެ. ޕޯޗުގަލްގެ ދަތުރުވެރިޔާ ޑިއޭގޯ ކާއޯ 1484 ވަނަ އަހަރު ކޮންގޯއަށް އައުމާ އެކު، ކޮންގޯއާ ވިލާތާ ދެމެދު ވިޔަފާރީގެ ގުޅުންތައް ގާއިމުކުރެވުނެވެ.
އެއަށް ފަހު 1880 ވަނަ އަހަރު ފްރާންސުން ކޮންގޯގެ މައްޗަށް ބާރު ހިންގައި، އިސްތިއުމާރުކުރި އިރު ކޮންގޯ-ބްރާޒަވިލްއަށް މިނިވަންކަން ލިބުނީ 15 އޯގަސްޓް 1960 ގަ އެވެ. އެގައުމުގެ ފުރަތަމަ ރައީސަކީ ފުލްބާޓް ޔޫލޫ އެވެ.
އެގައުމުގައި މިހާރު އޮންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމުގެ ސިފަތައް އެކުވެފައިވާ ނިޒާމެކެވެ. އެ ނިޒާމުގައި ދަށުން ދައުލަތުގެ ވެރިޔަކީ ރައީސެވެ. ސަރުކާރުގެ ވެރިއަކީ ބޮޑުވަޒީރެވެ. ގާނޫނު ހެދުމުގެ ބާރު އޮންނަނީ ސަރުކާރުގެ އިތުރުން، ގާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގެއަށެވެ.
ރިޕަބްލިކް އޮފް ކޮންގޯ
- ވެރިކަން ކުރާ ސިޓީ: ބްރާޒަވިލް
- ދުނިޔެގެ 64 ވަނައަށް އެންމެ ބޮޑު ގައުމު
- ދައުލަތުގެ އިސްވެރިޔާ: ރައީސް ޑެނިސް ސަސޯ ންގުއެސޯ
- ސަރުކާރުގެ އިސްވެރިޔާ: ކްލެމޮން މޮއަމްބާ
- ރަސްމީ ބަސް: ފްރެންޗް
- އެންމެ މަގުބޫލު ކުޅިވަރު: ފުޓުބޯޅަ
- އެންމެ ބޮޑު އިގްތިސާދީ ދާއިރާތައް: ތެޔޮ ނެގުން