21 Apr 2018, 11:21
ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ އެޗުއާރު ފޯރަމް މިއަދު އެމްއެންޔޫ ބިޒްނަސް ސްކޫލްގައި ފަށައިފި އެވެ.
މި އަހަރުގެ އެޗްއާރު ފޯރަމްގައި 150 އަށް ވުރެ ގިނަ މުއައްސަސާއެއްގެ އެޗްއާރު ދާއިރާގައި މަސައްކަތްކުރާ 200 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވާ ކަމަށް ސީއެމްއޭ އިން ބުންޏެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ސީއެމްއޭގެ ސީއީއޯ އިލްޔާސް ހަނީފް ވިދާޅުވީ، އެ ފޯރަމްއަކީ ވަޒީފާގެ މާހައުލުގައި އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުން އެއްތަނަކަށް ގެނެސް ހިޔާލު ބަދަލުކުރުމާއި އެ ދާއިރާއާ ގުޅޭ ގޮތުން ދިމާވާ ދަތިތަކާއި އެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ބަދަހިކުރުން ކަމަށެވެ.
"މި ފޯރަމް މި ބާއްވަނީ އެޗްއާރު އެސޯސިއޭޝަންއާ ވެސް ގުޅިގެން. ރާއްޖޭގައި އާމުކޮށް ލިބޭ ފުރުސަތެއް ނޫން މިއީ ރާއްޖޭގައި. އެއް އޭރިއާއެއްގައި މަސައްކަތް ކުރާ މީހުން އެއްތަނަކަށް އައިސް ވަންޑޭ އިވެންޓެއް ގޮތުގައި ހުންނަ އެކި ކަންކަން ޑިސްކަސްކޮށްލީމަ މަސައްކަތުގެ މާހައުލުގައި ވަރަށް ރަނގަޅު ކުރިއެރުމެއް ފެނިގެންދާނެ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ އެ ފޯރަމްގައި އަލިއަޅުވާލާ މައުލޫތަކުގެ ތެރޭގައި ވަޒީފާއަށް މީހުން ހޯދުމާ ގިނަ ދުވަސްވަންދެން އެ ވަޒީފާގައި މީހުން ގެންގުޅުން، ތަފާތު އެކި ބެކްރައުންޑެގެ މުވައްޒަފުން އެއް މުއައްސަސާއެއްގައި އުޅޭ އިރު ދިމާވެދާނެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ވަޒީފާ ދޭމީހާއާއި ވަޒީފާ އަދާ ކުރާ ފަރާތްތަކާށް ގާނޫނީ ގޮތުން ދިމާވާނެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތުދީ މަޝްވަރާކުރުން ހިމެނޭކަމަށް އިލްޔާސް ވިދާޅުވި އެވެ.
އެފޯރަމްގައި ސްޕީކާޒްގެ ގޮތުގައި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ތިން ބޭފުޅެއްގެ އިތުރުން ރާއްޖޭގެ ވެސް ތަޖުރިބާާކާރުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ސީއެމްއޭ އިން ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައި މާކެޓިން ދާއިރާއަށް ހާއްސަކޮށް މާކެޓާސް ފޯރަމްއެއް ބާއްވައިފަ އެވެ. އަދި މި ދިޔަ މަހު ހޮޓެލް އިންޑަސްޓްރީގެ ރެވެނިއު މެނޭޖްމަންޓް ދާއިރާގައި އުޅޭ މީހުންނަށް ހާއްސަކޮށް ރެވެނިއު މެނޭޖްމަންޓް ފޯރަމްއެއް ވެސް ސީއެމްއޭ އިން ވަނީބާއްވައިފަ އެވެ.