31 Aug 2011, 12:41
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފްއޭއެމް( އިން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްބޯޅަ ލީގް ކަމުގައިވާ "ދިރާގު ދިވެހި ލީގު"ގެ ތިން ވަނަ ބުރުގެ ކުޅުން އަންނަ މަހުގެ ހަ ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.
ލީގުގައި ޖުމްލަ އަށް ޓީމް ވާދަކޮށް، ދެ ވަނަ ބުރުގެ ކުޅުން ނިންމާލި އިރު، ތިން ވަނަ ބުރަށް ދަތުރު ކުރީ ހަ ޓީމެވެ. އެގޮތުން ތިން ވަނަ ބުރަށް ނުގޮސް މުބާރާތުން ކެޓީ ވިޔެންސާއާ އޭވައިއެލް އެވެ.
އެފްއޭއެމް އިން ބުނީ، ލީގުގެ ތިން ވަނަ ބުރުގެ ކުޅުން އަންނަ މަހުގެ ހަ ވަނަ ދުވަހު ފަށާ އިރު، ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ނިއު ރޭޑިއަންޓާއި ކްލަބު އީގަލްސް އެވެ.
ލީގުގެ ދެ ވަނަ ބުރު ނިއްމާލި އިރު ޖުމްލަ 14 މެޗް ކުޅެ 35 ޕޮއިންޓާ އެކު ވީބީ ތާވަލްގެ އެއްވަނާގައި އުޅޭ އިރު، ވިކްޓަރީ އުޅެނީ 30 ޕޮއންޓާ އެކު ދެ ވަނާގަ އެވެ. އަދި ތިން ވަނާގައި 24 ޕޮއިންޓާ އެކު ނިއު އުޅޭ އިރު، ޕޮއިންޓުގެ ގޮތުން މާޒިޔާއާ އެއްވަރެވެ. އެހެންނަމަ ވެސް ގޯލްގެ ތަފާތުން ނިއު ކުރީގައި އުޅޭ އިރު، ހަތަރު ވަނާގައި އުޅެނީ މާޒިޔާ އެވެ.
ތިން ވަނަ ބުރުގައި ނިއުއާ ދެކޮޅަށް އީގަލްސް ނިކުންނަ އިރު، އެ ޓީމް އޮތީ ތާވަލުގެ ހަ ވަނައިގައި 14 ޕޮއިންޓާ އެކު އެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު 2-0 އިން ކާމިޔާބުކުރީ އީގަލްސް އެވެ. އެކަމަކު ދެވަނަ ބުރުގައި ނިއު ވަނީ އީގަލްސް އަތުން 7-0 އިން މޮޅުވެފަ އެވެ.
މި އަހަރުގެ ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ކުޅުން އަންނަ ހަފުތާގައި ފަށަނީ ލީގުގެ ދެވަނަ ބުރަށް ފަހު ދެ މަސް ދުވަހަށް ކުޅުން މެދުކަނޑާލުމަށް ފަހު އެވެ. ލީގުގެ ތިން ވަނަ ބުރުގައި ވާދަކުރާނީ ހަ ޓީމެވެ. ލީގުގެ ދެ ވަނަ ބުރަށް ފަހު ތާވަލުގެ ހަތް ވަނަ އަށް ދިޔަ އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އާއި ތާވަލުގެ ފުލުގައި އޮތް ވިޔަންސާ ވަނީ މި އަހަރުގެ ލީގުން ކަޓައިފަ އެވެ. އެކަމަކު ދިވެހި ލީގު ކޮލިފައިންގައި ވާދަކޮށް އެ ދެ ޓީމު ވަނީ އަންނަ އަހަރުގެ ދިވެހި ލީގުން ޖާގަ ހޯދައިފަ އެވެ.