ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ހެޔޮއެދޭ ނަމަ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް އެފަދަ ކަންކަމަށް ގޮވާނުލާނެ ކަމަށް ޖަމިއްޔަތުލް ސަލަފުން ބުނެފި އެވެ.

ދެހާސް ސާދަ ވަނަ އަހަރު ރާއްޖޭގައި އޮތް އާންމު އިންތިޚާބުގައި ވިލާތުން އޮބްޒާވަރުންނަށް ފާހަގަވި ކަންކަމާއި ރަނގަޅުކުރަން ލަފާދީފައިވާ ކަންކަން ތަންފީޒުކުރާ މިންވަރު ބަލަން މި އަހަރުގެ ޖެނުއަރީ މަހު ވިލާތުގެ އިއްތިހާދުން ރާއްޖެ އައި ވަފުދުން ނެރުނު ރިޕޯޓުގައި 29 ލަފައެއް ދީފައިވާ އިރު، އޭގެ ތެރޭގައި މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ސުންނީ މުސްލިމަކަށް ވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާމާއްދާތައް އިސްލާހުކުރަން ލަފާ ދީފައިވެ އެވެ.

މިކަމާ ގުޅިގެން ޖަމިއްޔަތުލް ސަލަފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލަން ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ފަރާތްތަކުން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށެވެ.

ސަލަފުން ބުނީ 800 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖެއަށް އިސްލާމް ދީނުގެ ހިދާޔަތް ލިބިފައިވާ އިރު، އިސްލާމް ދީނުގެ އަދުއްވުންނާއި ބޭރުގެ ބައެއް ޖަމާއަތްތަކުން އެ ދީން ރާއްޖެއިން ފޮހެލުމަށް ޓަކައި ރައޔްިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެމީހުން ރާއްޖެއަށް ހެޔޮ އެދި، ރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަށް އެދޭ ނަމަ ރާއްޖޭގެ އިސްލާމީ އަގީދާ ނަގާލުމަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮވައެއް ނުލާނެ. އެހެންކަމުން ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލައި، އީޔޫ އިން ނެރެފައިވާ ގަރާރަކީ ދިވެހީން ތާއީދުކޮށްގެން ވާނެ ގަރާރެއް ނޫންކަމަށް ދަންނަވަން،" ސަލަފުން ބުންޏެވެ.

ސަލަފުން ބުނީ ރާއްޖޭގެ ދީނީ އަގީދާ ހިމާޔަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް ކަމަށެވެ. އަދި ރާއްޖޭގައި ޖާގަ އޮންނާނީ ހަމައެކަނި އިސްލާމް ދީނަށް ކަމަށް ވެސް ސަލަފުގެ ބަޔާނުގައިވެ އެވެ.

ވިލާތުގެ އިއްތިހާދުގެ އިލެކްޓޯރަލް ފޮލޯއަޕް މިޝަނުން އާންމުކުރި ރިޕޯޓާ ގުޅިގެން ދިވެހި ސަރުކާރުން ބުނީ އެ ރިޕޯޓުގައި ރާއްޖޭގެ ދީނާ ގުޅޭ މާއްދާތައް އިސްލާހުކުރަން ދީފައިވާ ލަފައެއް ބަލައި ނުގަނެވޭނެ ކަމަށެވެ.

އެހެން ނަމަވެސް އެހެނިހެން ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، އެކަންކަމުގެ މައުލޫމާތު އީޔޫގެ ވަފުދަށް ޖެނުއަރީ މަހުގެ ތެރޭގައި ދިން ނަމަވެސް، ރިޕޯޓުގައި އެކަންކަން ފާހަގަކޮށްފައި ނުވާތީ ހިތާމަކުރާ ކަމަށް ސަރުކާރުން ބުންޏެވެ.