21 Apr 2018, 10:58
މީލާދީން 1892 އޭޕްރިލް 21 ސިފައިންގެ ހިދުމަތް ރާއްޖޭގައި ފެށިގެން އައި އިރު އެ ހިދުމަތް ދިނުމަށް އެކުލަވާލެވުނު ފައުޖުގައި ތިބީ އަށް ބޭކަލުންނެވެ. ކުރިން ހަނގުބޭކަލުން ކުރަމުން އައި މަސައްކަތް ހަރުދަނާ ކުރައްވާ ސިފައިންގެ ލަޝްކަރެއް އެކުަލަވާލިކަމަށް ތާރީހު ބުނަނީ އައްސުލްޠާނު އިބްރާހިމް ނޫރައްދީނު ސިރީބަރިކުސަލޯކަ މަހާރަދުންނެވެ.
ސިފައިންގެ ހިދުމަތަށް މިއަދު 126 އަހަރު ފުރުނީ އެވެ. މިއީ ދައުލަތުގެ މުވައްސަސާއެއް މިހާ ގިނަ ދުވަސް ވަންދެން މެދު ކެނޑުމެއްނެތި ކުރިއަށްދާ އެންމެ ގިނަ ދުވަސްވީ ދައުލަތުގެ އެންމެ މުހިއްމު ގުނަވަނެވެ. ފެހި ފައުޖުގެ ހިދުމަތުގެ 126 އަހަރުވީ ހިދުމަތުގައި މުޅިން ވެސް އޮތީ ރަން އަކުރުން ފަވާލެވޭ ސަފުހާތަކެވެ.
ނޮވެމްބަރު 23، 2017: ހަތިޔާރާއި ގޮވާތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސިފައިންގެ ހިދުމަތް ފަށައިގެން އައިސް މިއަދަށް އެތައް އަހަރެއް ފާއިތުވި އިރު ސިފައިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ގައުމުގެ އަމަން އަމާން ކަމާއި ސިޔާދަރު ގެއްލުނަ ނުދީ އެތެރެއިންނާއި ބޭރުން އަންނަ ކޮންމެ އުދުވާނެއް ވެސް ނާކަމިޔާބުކޮށްލުމުގައި ކުރި ބުރަ މަސައްކަތެވެ.
ރާއްޖެއާ ފަހުގެ ތާޜީހެއްގައި ކުރިމަތިވި އެންމެ ބޮޑު އުދުވާން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ކުރިމަތިވި އިރު މި ގަމުގެ ހައްގުގައި ނުކުތީ ސިފައިންނެވެ. ހުސައިން އާދަމް ސިފައިންގެ ގޭޓުގައި ހުރެގެން ގައުމުގެ ދިފާއުގައި މަސައްކަތްކޮށް ޝަހީދުވި އިރު ފުރާނަ އަތްމައްޗަށް ލައިގެން ސިފައިންގެއިން އެ ދުވަހު މާލެ ތެރޭގެ ހާޅަތު ބެލުމަށް ނުކުތް ދިހަ ސިފައިންނާއި ޝަހީދުވި ސިފައިންގެ ބޭކަލުންގެ ހިތްވަރު ދައްކުވައިދެނީ ފެހި ފައުޖުގެ އިސްވެދެންނެވުނު ރަން ސަފުހާތަކުގެ ތެރޭގަ އެވެ.
13 ސެޕްޓެމްބަރު 2017:ދިވެހި ސިފައިންގެ ހިދުމަތް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭރަށް ބަލާއިރު ސިފައިންގެ ތެރޭގައި ޒަމާނީ ހަތިޔާރެއް ވެސް ނެތެވެ. ނަމަވެސް ގައުމީ ޖިހާދުގައި ސިފައިން ހިތްވަރު ނެރުނީ ކަށީގެ މަދުންނެވެ. އެކަމަށް ޓަކައި އެ މުވައްސަސާއަށް ތައުރީފު ހައްގެވެ. ސިފައިންގެ ހިސުމަތް ނުލިބޭ އެއްވެސް ދާއިރާއެއް ނެތެވެ. މީހުން ބިނާ ކުރުމުން ފަށައިގެން ދިމާވާ ގުދުރަތީ ކާރިސާތަކާއި އިންސާނީ ކާރިސާ ތަކުގައި ވެސް އެ ފަހުލަވާނުން ވަނީ ދިވެހިންނަށް އެހީތެރިކަމުގައި ނަމޫނާ ދައްކާފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އިން ފަށައިގެން 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާއަކީ ވެސް އާދައިގެ މިސާލަކަށް ފުދޭނެ ކަންކަމެވެ.
އެއްގަމުގައި ކުރިމަތިވާ ބޮޑެތި ކަންކަމަށް ޖެހިލުމެއް ނެތި ސިފައިން ހަރަކާތްތެރިވާއިރު ރާއްޖޭގެ ބިޔަބޮޑު އިގްތިސާދީ ސަރަހައްދު ސިފައިން ބަލަހައްޓަމުންދަނީ އެއްވެސް ވަރުބަލިކަމެއް ނެތި އެވެ. ދުޝްމަނުންނަށް ފާރަލުމާއި އެމަޖެންސީތަކުގައި ވައިގެ ސިފައިން ފެންނަނީ ހަރަކާތްތެރިކޮށްނެނެވެ. ވަސީލަތް މަދުވަމަކީ ދެވޭ ހިދުމަތަށް ހުރަހެއް ކަމުގައި ދިވެހި ސިފައިން ނުދެކެ އެެވެ.
މާފަންނު ސިތާރާ ގޭގެ ތިން ވަނަ ފްލޯގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް ސިފައިން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސިފައިންގެ ހިދުމަތް ރައްޔިތުންނާ ވިހާ ވެސް ގާތުން ދިނުމަށް އެ ސާވިސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަތަރު އޭރިއާ އަކަށް ހިދުމަތް ވަނީ ފުޅާކޮށްފަ އެވެ. އެއީ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް މާލެ އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާ އެވެ. މި އޭރިއާތަކުގައި ސިފައިން ގާއިމުވެ ތިބޭ އިރު އެތަންތަނުގައި ކުރިއަށްދާ އިޖްތިމާއި މަސައްކަތުގެ އެންމެ ގާތް އެކުވެރިއަކީ ވެސް ސިފައިންނެވެ.

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް
ހިދުމަތައް 126 އަހަރުވުން މިއަދު ސިފައިން ފާހަގަ ކުރަނީ ޝަރަފްވެރިކަމާ އެކު އެވެ. ފެހު ފައުޖުގެ ހިދުމަތަކީ މިއަދު ރައްޔިތުން ހިނިތުންވުމާއި އެކު ބަލައިގަންނަ ހިދުމަތެކެވެ. ދިވެހިން ދިވެހިންގެ ދިފާއި ބާރަށް އިތުބާރު ކުރެ އެވެ. ރައްޔިތުން ހަމަ ނިދި ނިދަނީ އެމީހުންގެ ހުރިހާ ވެސް މުދަލަކާއި ގައުމުގެ އަމަން އަމާންކަން ތިޔަ ސިފައިންނާ ހަވާލުކޮށްފަ އެވެ. އަންނާނެ ތީރެއް އުންނޑައަކަށް ބެލުމެއް ނެތި ގައުމުގެ އައްޑަނައެއްގެ ގޮތުގައި ސިފައިން ވަރުބަލިކަމެއް ނެތި ތިބޭނެކަން ރައްޔިތުން ގަބޫލުކުރެ އެވެ.