31 Aug 2011, 12:12
ގދ. މަޑަވެލީގައި އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ އެ ރަށުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މަޑަވެލިން ހައްޔަރުކުރީ 23 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، 22 އަހަރުގެ އަންހެން ކުއްޖާއާ ބެހެން އުޅުނީ ރޭ 8:00 ޖަހާއެހާކަންހާއިރު އެ ކުއްޖާ އެކުއްޖާގެ ރައްޓެހި އަންހެން ކުދިންތަކަކާ އެކު މަގުމަތިން ހިނގައިފަ ދަނިކޮށެވެ. އަދި އަންހެން ކުދިންތައް ހަޅޭއްލަވަން ފެށުމުން އޭނާ ވަނީ އެ ސަރަހައްދުން ފިލައިފައި ކަމަށް ވެސް އޭނާ ބުންޏެވެ.
އަންހެން ކުއްޖާއަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.