20 Apr 2018, 19:08
އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ބާބަރާ ބުޝް އަވަހާރަވުމާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓުރަމްޕަށް ތައުތިޔާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝްގެ އަނބިކަނބަލުން އަދި ޖޯޖް ޑަބްލިއު ބުޝްގެ މަންމާފުޅު، ބާބަރާ މުޝް އަވަހާރަވީ މީގެ ތިން ދުވަސް ކުރިން، ސިއްހީ ހާލަތު ގޯސްވެފައި ވަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.
އެކަމާ ގުޅިގެން ރައީސް، ޑޮނަލްޑް ޓުރަމްޕަށް ތައުޒިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައި ވިދާޅުވީ، ބާބަރާ ބުޝް އަވަހާރަވުމުގެ ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމުގައި ކަމަށެވެ.
އަދި އެކަމަނާއަކީ ވިސްނުންފުޅު ތޫނު، ލިޔަން ކިޔަން އުނގަންނައިދިނުމަށް ބާރު އެޅުއްވި، އެކަމަނާ ގަބޫލުފުޅުކުރައްވާ ކަންކަމުގައި ސާބިތުކަމާއެކު އަގުހުރި މަސައްކަތްޕުޅުތަކެއް ކުރެއްވި، އެތައް ޖީލުތަކުގެ ޒުވާން އަންހެން ކަނބަލުންނަށް ނަމޫނާ ދެއްކެވި ކަނބަލެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި ބާބަރާ ބުޝްއަކީ ކާމިޔާބު ސިޔާސީ އަދި އަމިއްލަ ހަޔާތްޕުޅެއް ވޭތުކުރެއްވި ބޭކަނބަލެއްކަން ދުނިޔެއަށް ދައްކާފައިވާ ކަނބަލެއް ކަމަށާއި އެކަމަނާގެ ހަނދާންތައް މުޅި ދުނިޔެއިން އބަަދުވެސް އާ ކުރާނެ ކަމަށް މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ޑޮނަލްޑް ޓުރަމްޕަށް ރައީސް ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެމެރިކާގެ ރައްޔިތުންނަށާއި ހާއްސަކޮށް އެމެރިކާގެ ކުރީގެ ރައީސް، ބުޝްގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައިވެ އެވެ.