31 Aug 2011, 12:27
ފިތުރު އީދާ ގުޅުވައިގެން މާލޭގައި ބާއްވާ ބައިބަލާ މުބާރާތް މިރޭ 9:00ގައި އާޓިފިޝަލް ބީޗު ސަރަހައްދުގެ ހުސް ބިމުގައި ފަށާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެފި އެވެ.
ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަހުމަދު އައްސަދު މިއަދު ބުނީ، މިފަހަރުގެ ބައިބަލާ މުބާރާތުގައި 45 ޓީމް ބައިވެރިވާ އިރު، މުބާރާތް ކުރިއަށް ގެން ދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މުބާރާތް މިރޭ ފަށާ އިރު ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ އޮއެހާ ސްޕޯޓްސްއާ ކުލަބް ވޯންޓެޑް އެވެ.
މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ބައިބަލާ އެސޯސިއޭޝަންގެ އޮފިސަލަކު ބުނީ، މިރޭ މުބާރާތް ފަށާ އިރު، ޖުމްލަ 9 މެޗް ކުޅޭނެ ކަމަށެވެ. އެއީ ގިނަ ޓީމްތަކެއް މުބާރާތުގައި ބައިވެރި ވެފައި ވާތީ ވީހާ ވެސް އަވަހަށް މުބާރާތް ނިއްމާލުމުގެ ބޭނުމުގައި ކަމަށް ވާތީ އެވެ.
"ގިނަ މެޗްތަކެއް ކުޅެން ނިންމީ ގިނަ ޓީމްތަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވާތީ. މުބާރާތް މިރޭ ފަށާ އިރު އެސޯސިއޭޝަންގެ އެންމެ ބޮޑު އެއް އެދުމަކީ މެޗްތައް ކުރިއަށް ދާއިރު ކުޅިވަރުގެ ރޫހާ އެއްގޮތަށް ހުރިހާ ޓީމުތަކުން ވެސް އެއްބާރުލުންދިނުން. އޭރުން މުބާރާތް ފުރިހަމަކަމާ އެކު ނިންމާލެވޭނެ،" އޮފިޝަލް ބުންޏެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000ރ. ހުށަހަޅައިފައިވާ އިރު، ރަނަރަޕް ޓީމަށް ވަނީ 15000 ރ. ހުށަހަޅައިފަ އެވެ.
އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު މިމުބާރާތް އަލުން ފަށައިފައި ވަނީ ބައިބަލާ އެސޯސިއޭޝަނާއި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއާ ގުޅިގެން ނެވެ. މީގެ ކުރިން ބައިބަލާ މުބާރާތް ބާއްވާފައި ވަނީ ދިވެހިރާއްޖޭގެ އަޑުންނެވެ.
މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް އެވެ. ދިވެހި ރާއްޖޭގެ އަޑުން 1996 ވަނަ އަހަރު ބައިބަލާ މުބާރާތް ތައާރަފްކުރި އިރު، ފުރަތަމަ ފަސް އަހަރު ތަށި ގެންދިޔައީ ބީޖީ އެވެ. އަދި އޭގެ ފަހުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ވެސް ތަށި އުފުލާލީ ބީޖީ އެވެ.