20 Apr 2018, 11:48
ލޮބަމްބާ (އޭޕްރިލް 20): ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ސުވާޒިލޭންޑުގެ ނަން "ކިންގްޑަމް އޮފް އިސްވަތިނީ"އަށް ބަދަލުކުރަން ނިންމަވައިފިކަން އެގައުމުގެ ރަސްގެފާނު އިއުލާން ކުރައްވައިފިއެވެ.
ރަސްގެފާނު މްސްވާތީ (ތިން ވަނަ) އެފަދައިން ނިންމެވިކަން އިއުލާން ކުރެއްވީ އެގައުމުގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި، ރަސްގެފާނުގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ.
"އެފްރިކާގެ ގައުމުތަކަށް މިނިވަންކަން ލިބުމުން، އެގައުމުތަކުގެ ނަން އިސްތިއުމާރު ކުރުމުގެ ކުރިން އޮތް ނަމަށް ބަދަލުކުރުމަކީ އާންމު ކަމެއް. އެހެންކަމުން މިއަދުން ފެށިގެން މިގައުމުގެ ނަމަކީ އިސްވަތިނީ" ރަސްގެފާނު ވިދާޅުވިއެވެ.
ސުވާޒިލޭންޑަކީ ސުވާޒީ ބަހާއި އިނގިރޭސި ބަސް އެއްކޮށްގެން ހަދާފައިވާ ނަމެއް ކަމުން، އެނަން ބޭނުންކުރުމަކީ ގައުމުގެ ބައެއް ރައްޔިތުން ނުރުހޭ ކަމެކެވެ.
އިސްވަތިނީއަކީ ސުވާޒިލޭންޑަށް އެގައުމުގެ ބަހުން ކިޔާ ނަމެވެ. އޭގެ މާނައަކީ "ސުވަޒީ ރައްޔިތުންގެ ބިމެވެ."
އިނގިރޭސިންގެ ހިމާޔަތުގައި ގިނަ އަހަރުތަކެއް ވަންދެން އޮތުމަށް ފަހު ސުވާޒިލޭންޑަށް ފުރިހަމަ މިނިވަންކަން ލިބުނީ 1968ވަނަ އަހަރެވެ.
ސްވާޒިލޭންޑާއި ޔޫރަޕުގެ ގައުމު ސްވިޓްޒަލެންޑުގެ ނަން ވައްތަރުކަމުން ގިނަ ބަޔަކަށް އާންމުކޮށް ދެގައުމު އޮޅެއެވެ.
ސްވާޒިލެންޑަކީ އެފްރިކާގައި އޮތް ހަމައެކަނި އެބްސޮލިއުޓް މޮނާކީ، ނުވަތަ ހުރިހާ ބާރެއް ރަސްގެފާނަށް ލިބިފައިވާ ރަސްކަމެވެ.
(އަލްޖަޒީރާ)