20 Apr 2018, 10:22
ކ. ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން، ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ އެކްސިޑެންޓްވި ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ކައްޕިއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، އޭނާގެ ހަށިގަނޑު ފެނުނީ ކަނޑުގެ 45 މީޓަރު އަޑީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑު ފެނުނީ ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މިއަދު ހެނދުނު 10:15 ހާއިރު އޭނާގެ ހަށިގަނޑު ފެނުނު އިރު އެދިމާ އަޑީގައި އެ ލޯންޗުގެ ހުންގާނަވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ، މިހާރު އެމީހާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ.
ރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި ހަތް މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާއިރު ދެ މީހަކު ވަނީ މަރުވެފައެވެ.
މިއަދު ފެނުނު ދިވެހި މީހާގެ އިތުރުން މަރުވެފައިވަނީ ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗެއްގައި ހުރި ބިދޭސީއެކެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ރޭގެ ވަގުތެއްގައެވެ.