މާލޭގައި އިމާރާތް ކުރަން ފެށުމަށް ފަހު ފައިސާގެ ދަތިކަމުގެ ސަބަބުން ނުނިމި ހުރި ގެތައް ނިންމުމަށް 11.75 ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު 500 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ސަރުކާރުން ތައާރަފްކޮށްފި އެވެ.

މާލޭ ސިޓީ ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކީމް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު ހަސަން އަފީފެވެ.

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ އެ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަ ޖެހިފައިވާ އެންމެ ބޮޑު އަދަދަކީ ތިން މިލިޔަން ރުފިޔާ ކަމަށާއި ލޯން ދައްކަން ޖެހޭނީ 15 އަހަރު ދުވަހުގެ ތެރޭގައި ކަމަށް މިނިސްޓަރު އޮފް ސްޓޭޓްފޯ ހައުސިން އެންޑް އެންވަޔަރްމަންޓް އަކުރަމް ކަމާލުއްދީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯން ނަގާ ފަރާތްތަކަށް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް( ލޯނަށް ފައިސާ ދައްކަން ނުޖެހޭ މުއްދަތެއް) ދެވޭނެ ކަމަށާއި އެ މުއްދަތުގައި ދައްކަން ޖެހޭ އިންޓަރެސްޓް ލޯންގެ ބައެއްގެ ގޮތުގައި ހަމަޖެހޭނެ ކަމަށެވެ. ލޯން ނަގާ ފަރާތްތަކުގެ އިމާރާތް ލޯން ދައްކާ ނިމެންދެން ރަހުނެއްގެ ގޮތުގައި އެޗްޑީއެފްސީގައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ތައާރަފް ކުރި ލޯން ސްކީމަކީ މާލޭގައި ހަދަން ފަށައި ނުނިމި ހުރި ގިނަ އިމާރާތްތަކެއް ހުރިކަން ސަރުކާރަށް ފާހަގަ ކުރެވިގެން ހައުސިން މިނިސްޓްރީން ކުރި ދިރާސާއަކަށް ފަހު ވަޒީރުންގެ މަޖިލީހުން ނިންމުމެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.

ބިލްޑިން ކޮމްޕްލީޝަން ފައިނޭންސް ލޯން ސްކީމް (ބީސީ އެފް އެލް ސްކީމް)ގެ ނަމުގައި ތައާރަފް ކުރި މިލޯން ސްކީމަށް ފައިސާ ހޯދުމަށް ސަރުކާރުން ވަނީ އެޗްޑީއެފްސީއަށް 500 މިލިޔަން ރުފިޔާގެ ބޭންކް ގެރެންޓީއެއް ދީފަ އެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން މިހާތަނަށް 1500 ގެއަކަށް އިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ އިރު އޭގެ ތެރެއިން 20 ޕަސެންޓް ގެތަކަކީ އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައިވާ ގެތައް ކަމަށް ހައުސިން މިނިސްޓްރީން ކުރި ދިރާސާ އިން އެނގިފައިވާ ކަމަށް ސްޓޭޓް މިނިސްޓަރް އަކުރަމް ކަމާލުއްދީން ވިދާޅުވި އެވެ.
ލޯން ސްކީމް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ބައިވެރި ވެޑައިގަތެވެ.