ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގެ ވިނަގަނޑުގެ ހާލަތާ ގުޅިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެންމެ ބޭނުންވާ ފުޓުބޯޅަ ނުކުޅެވޭ ކަމަށް ކްލަބުގެ އެސިސްޓެންޓް ކޯޗު، އަޝްރަފު ލުތުފީ (ސަމްޕަތު) ބުނެފިއެވެ.

މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިރޭ ނިއުއިން ނުކުންނަ އިރު، ސަމްޕަތު ބުނީ ރީތި ފުޓުބޯޅައެއް ކުޅުމަށް ދަނޑުގެ ހާލަތު ތަން ނުދޭ ކަމަށެވެ.

"މިހާރު އެންމެ ބޮޑަށް ދިމާވާ ކަމަކީ ދަނޑުގެ ހާލަތު. ބެންގަލޫރު މެޗުގައި ކުޅުނު ކުޅުމަށް ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންނަށް އެބަ ތައުރީފް ކުރޭ. އެކަމަކު ބަންގަލޫރުގެ ދަނޑުގެ ހާލަތު ވަރަށް ރަނގަޅު. ވިނަގަނޑާ އެއްޗެހި ވަރަށް ސަޅި. ފުރަތަމަ ޕްރެކްޓިސް ކުރި ދުވަހުވެސް ކުޅުންތެރިންނަށް އެނގިއްޖެ އެކަން ވާނެކަން،" ސަމްޕަތު ބުންޏެވެ.

ސަމްޕަތު ބުނީ ކޮންމެ މެޗަކަށްވެސް ނިއުއިން ދަނޑުގެ ކަންކަން ރަނގަޅު ކުރުމަށް އެދުނު ނަމަވެސް އެކަމަށް އެންމެ އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ލިބެމުން ނުދާ ކަމަށެވެ. އަދި ކޮންމެ ފަހަރަކުވެސް ބަހަނާތަކެއް ދައްކާ ކަމަށްވެސް ސަމްޕަތު ބުންޏެވެ.

"ވިއްސާރަ މޫސުމުގައި ދެ މެޗު ކުޅެން މި ޖެހެނީ. އެގޮތަށް އޮއްވާ އެ ހިކެނީ. އެހެން ހިކުނީމަ އޮންނަނީ އަޑިގުޑަންވެފައި. ވެލި ގަނޑު ގަނޑުވެސް ހުންނާނެ. ކުރީ ދިޔަ މެޗުތަކުގައިވެސް އަޅުގަނޑުމެންގެ ޗެއާމަން އަދި ޖީއެސްވެސް ރިކުއެސްޓްކޮށްގެން މިނިސްޓްރީން ކޮށްދޭ މަދު ފަހަރެއްގައި. އެކަމަކު އެންމެ ފުރިހަމައަށް އެކަން ކޮށްދީފައެއް ނުވޭ،" ސަމްޕަތު ބުންޏެވެ.

ސަމްޕަތު ބުނީ ރާއްޖޭގެ ދަނޑުގެ ހާލަތު މިހާރުވެސް އޮތީ މީގެ އަހަރުތަކެއް ކުރިން އޮތް ލެވެލްގައި ކަމަށާއި، އެކަންކަން ހަރުދަނާ ނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އަވައްޓެރި އިންޑިއާ ފަދަ ގައުމުތަކުން އެކަންކަން ރަނގަޅު ކުރާ އިރު ރާއްޖެއިންވެސް އެކަން ކުރަންވެއްޖެ ކަމަށްވެސް ސަމްޕަތު ބުންޏެވެ.

ވިކްޓަރީގެ ކުޅުމާ ގުޅިގެން ސަމްޕަތު ބުނީ ނިއުގެ ބޭރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ.

"ވިކްޓަރީ އަންނަނީ މޮޅުވަމުން . އަދިވެސް ވިކްޓަރީ ނިއުރޭޑިއަންޓްގެ ވާދަވެރިކަން އަންނާނެ. އެޓީމުގެ ބޭރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވިސްނާނެ ނިއުއިން،" ސަމްޕަތު ބުންޏެވެ.

ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭގެ މެޗާ ގުޅިގެން ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުނީ ނިއުއާއި ވިކްޓަރީ ކުރިން ކުޅޭ މެޗުތަކަކީ ހާއްސަ މެޗުތަކެއް ނަމަވެސް ސަޕޯޓަރުން ނުވަންނާތީ މާޔޫސް ވާ ކަމަށެވެ.

"ފުރަތަމަވެސް ހަނދާން ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިން ވިކްޓަރީއާ ނިއު ކުޅޭ މެޗުތައް. އޭރު އޮންނާނެ ދަނޑު ފުރިފަ. މީހާރު ދަނޑަށް ވަންނާނެ މީހެއް ނެތް،" ކިސް ބުންޏެވެ.

ކިސް ބުނީ އެންމެ ފަހުން މެޗުގައި ވިކްޓަރީ ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، މިއަދުގެ މެޗުގައި ނަތީޖާ ނެރުމަށް ރެފްރީގެ އިންސާފުވެރިކަން މުހިންމު ކަމަށެވެ.

"އެންމެ ފަހުން މެޗުގައި ވިކްޓަރީ ވަރަށް ރަނގަޅަށް ކުޅުނު. މަސައްކަތް ކުރަމުން މި އަންނަނީ އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަމަށް. ނިއުރޭޑިއަންޓްގައި އެތައް ކުޅުންތެރިންނެއް އެބަ ތިބި ރާއްޖޭ ލެވެލްގައި ގުނާ ލެވޭ. އެކަމަކު ވިކްޓަރީން އެއް ރޫހެއްގައި ކުޅެން ބޭނުން ވަނީ. މެޗަށް އެންމެ މުހިއްމީ ރެފްރީން. ވަރަށް ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި. އެހެންވީމަ އޭގެ އުނދަގޫ ދިމާވާނެ. ނިއުގެ މެދަށް ކުޅޭ (ކަންޑެލާ)އަށް އެންމެ ރީނދޫ ކާޑެއްވެސް ނުދައްކާނެ. އެކަމަކު އޭނައަކީ ކޮންމެ ދުވަހަކު ރަތް ކާޑު ދައްކަން ޖެހޭ ކަމެއް،" ކިސް ބުންޏެވެ.

ކިސް ބުނީ ބޮޑެތި ކްލަބުތަކަށް ރެފްރީން "ފޭވާ"ކުރާ ކަމަށާއި، އޭނާ ބޭނުން ވަނީ މިރޭގެ މެޗަށްވެސް ރަނގަޅު ރެފްރީން ކަމަށެވެ.

ނިއުއާއި ވިކްޓަރީ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.