19 Apr 2018, 23:26
ސީރިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނަ އަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ މަގާމުތަކަށް އިރާގުންވެސް ހަމަލާތަކެއް ދީފައެވެ.
އިރާގުގެ ވައިގެ ސިފައިން ވަރުގަދަ ހަަމަލާތަކެއް މިދިނީ ސީރިއާގެ ސަރުކާރު ސިފައިންނާ ގުޅިގެންނެވެ.
އިރާގުގެ ވައިގެ ސިފައިން ވަނީ އެފް- 16 ބޭނުންކޮށްގެން ވައިގެ ހަމަލާތަކެއް ދޭ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.
އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވެސް ވަނީ ސީރިއާއަށް ހަމަލާދިންކަން ޔަގީންކޮށްދީފައެވެ.
ދެހާސް ސާދަ ވަނަ އަހަރު އައިއެސް ޖަމާއަތުން ވަނީ ސީރިއާއާ އިރާގާ ގުޅޭ ދެގައުމުގެ ބޮޑު ސަރަހައްދެއް ހިފާފައެެވެ. އެތަންތަން ސީރިއާއާއި އިރާގުގެ ބާރުގެ ދަަށަށް އަނބުރާ ގެނައުމަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ނެގިއެވެ.
އައިއެސް ޖަމާއަތުގެ އަތްދަށުން ސީރިއާއާއި އިރާގު މިނިވަންވިކަން އިއުލާންކުރިނަމަވެސް ދޭތެރެ ދޭތެރެއިން އެ ޖަމާއަތުން ދަނީ ދެ ގައުމަށް ދޭތެރެ ދޭތެރެއިން ހަމަލާދެމުންނެވެ.
އައިއެސްއާ ދެކޮޅަށް ބޯޑަރު ސަރަހައްދުގައި ހަމަލާތަކެއް ދިން އިރު ސީރިއާގެ ސަރުކާރުން ވަނީ އެގައުމުގެ ވެރިރަށް ދިމިޝްގުގައި ހަރަކާތްތެރިވާ ހަނގުރާމަމަތީ ގްރޫޕްތަކުން އެސަރަހައްދުން ފޭބުމަށް އެދި 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އަދި އެ ސަރަހައްދުން ނުފައިބައިފިނަމަ، ވަރުގަދަ މިލިޓަރީ އޮޕަރޭޝަނެއް ފަށާނެކަމުގެ އިންޒާރް ސީރިއާގެ ސިފައިން ވަނީ ދީފައެވެ.