ރާޅާއެޅުމުގެ ދުނިޔޭގެ ކުރީގެ ތަރިން ވާދަކުރާ ހާއްސަ މުބާރާތެއް މިއަދު ހެދުނު ފޯ ސީޒަންސް އައިލެންޑް ރިސޯޓުގައި ފަށައިފި އެވެ.

ފޯ ސީޒަންސް ރިސޯޓުގެ މާކެޓިން ކޯޑިނޭޓާ މިސްޓަ އަރީ އަރުބާނީ، މުބާރާތް މިއަދު ފަށާފައިވާއިރު، މުބާރާތުގައި ވާދަކުރުމަށް ދުނިޔޭގެ މަޝްހޫރު ހަ ރާޅާއެޅުންތެރިއަކު މިހާރު ރިސޯޓްގައި އެބަތިބި ކަމަށެވެ. އަދި މިމުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އަރުބާނީ ބުންޏެވެ.

"މުބާރާތް މިފެށީ ވަރަށް ފުރިހަމަކަމާ އެކު. މިއަދު ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިން ވެސް ރާޅާ އަޅާނެ. ރާއްޖޭގެ ރާޅާއެޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރާޅާއެޅުންތެރިއަކަށް ކުރީގެ ޗެމްޕިއަނުންނާ ވާދަކުރުމުގެ ފުރުސަތު ލިބޭނެ،" މިސްޓަ އަރީ އަރުބާނީ ބުންޏެވެ.

މީގެ އިތުރުން މިސްޓަރު އަރީ އަރުބާނީ ބުނީ، "ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ ރިސޯޓުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ މަޝްހޫރު ހަ ރާޅާއެޅުންތެރިންގެ ތެރޭގައި ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އޮސްޓްރޭލިއާގެ މާކް ރިޗަޑްސް އާއި ހަތް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އެ ގައުމުގެ ލޭން ބީޗްލީ މި މުބާރާތުގައި ވާދަކުރެ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ރާޅާއެޅުންތެރިޔާ އަށް 25،000 ޑޮލަރު ލިބެ އެވެ.