މުސްލިމަކަށް ނޫނަސް ދިވެހި ރައްޔިތަކަށް ވެވެންޖެހޭނެ ކަމަށް ބުނެ، ޔޫރަޕިއަން ޔޫނިއަނުން ނެރެފައިވާ ރިޕޯޓް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު ސޮއިކުރައްވައި މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށް ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ އިސްލާމްދީނަކީ ދިވެހީންގެ މައިގަނޑު މަސްދަރު ކަމާއި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ގާނޫނެއް ރާއްޖޭގައި ނެހެދޭނެ ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް އެމްޑީއޭގެ ބަޔާނުގައިވެއެވެ.

އެމްޑީއޭ އިން ބުނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާކީ ކީރިތި ގުރުއާނާއި މާތް ރަސޫލާގެ ސުންނަތާ އެއްގޮތްވާގޮތުގެމަތިން އިސްލާމްދީނުގެ ވާހަކަ ވަރަށް ސާފު ބަހުން ބަޔާންކޮށް މާނަކޮށްދީފައިވާ އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީ އަކީ ދުސްތޫރީ އަދި އިސްލާމީ ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާއި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް އަމަލުކުރަމުންދާ ދުސްތޫރެއްކަމަށް ބައިނަލްއަގުވާމީ ހުރިހާ ގައުމުތަކުން ގަބޫލުކޮށްފައިވާ ކަމަށް ވެސް އެމްޑީއޭ އިން ބުންޏެވެ.

ދިވެހި ރައްޔިތުންގެ ހިތްތަކުގެ ވަރުގަދަ އަގީދާއެއްގެ ގޮތުގައި މާތްވެގެންވާ އިސްލާމްދީނަށް ނިކަމެތިވާގޮތަށް ކަންތައްކުރުމަށް ރާއްޖެއަށް ގޮވާލައި އަންގައި އިލްތިމާސް ކުރުމުގެ ހައްގު ލިބިގެންވާ އެއްވެސް ޖަމާއަތެއް ނުވަތަ ގައުމެއް އޮވެގެންވާނެ ކަމަށް އެ ޕާޓީން ނުދެކޭ ކަމަށް ވެސް އެމްޑީއޭ އިން ބުންޏެވެ.

އެމްޑީއޭ އިން ބުނީ ރާއްޖޭގެ ރައްޔިތުން ގަބޫލުކޮށްފައިވާ މާތްވެގެންވާ އިސްލާމް ދީނަށް ނިކަމެތިވާގޮތަށް ކަންތައްތައް ކުރުމަށް ދިވެހި ދައުލަތަށް ލަފާދީ ގޮވާލާ ގޮވާލުންތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ އަމުރު ކުރާ ފަރާތްތަކާ އެކު ވެފައިވާ މުއާހަދާތައް ބާތިލްކޮށް، އެފަދަ ފަރާތަކުން ވަކިވެވެން އޮތް ގޮތަކަށް ވަކިވާންޖެހޭނެ ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.

ރާއްޖެއަކީ ޣައިރު މުސްލިމުންނަށް ވެސް އިހްތިރާމްކުރާ ގައުމަކަށް ވީހިނދު، ރާއްޖޭގެ ރައްޔިތުންނަކީ ސައްތައިން ސައްތަ މުސްލިމު ބައެއް ކަމުގައި ދެކެ، ދިވެހީންގެ ދީނަކީ އިސްލާމްދީން ކަމުގައި ބަލައިގަނެ، އެ ދީނަށް އިހްތިރާމް ކުރުމަށް އެމްޑީއޭ އިން ވަނީ ދުނީގެ ހުރިގާ ގައުމުތަކަށް ގޮވާލައްވައިފައެވެ.

އެމްޑީއޭ އިން ބުނީ މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި އީޔޫގެ ބަސް ކުށްވެރިކުރުމަކީ މުސްލިމު ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމު ކަމެއްކަމުގައި އެޕާޓީން ދެކޭ ކަމަށެވެ.