ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ނަގާލަން އީޔޫއިން ކުރަމުންދާ މަސައްކަތަށް ދިވެހި ރައްޔިތުން އިޖާބަ ނުދޭނެ ކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އީޔޫއިން މިއަދު ނެރުނު ރިޕޯޓުގައި ދިވެއްސަކު އިސްލާމުދީން ދޫކޮށްލިޔަސް ދިވެހި ރައްޔިތުކަން ނުގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ލަފާ ދޭކަމަށް ބުނެފައިވުމުން އެކަން ކުށްވެރިކުރައްވައި، ޑރ. ޝަހީމް މިރޭ "ސަން"އަށް ވިދާޅުވީ އެފަދަ ކަމަކަށް މަގުފަހިވެދާނެ ކަމަކަަށްވެސް ދިވެހިން އިޖާބަ ނުދޭނެ ކަަމަށެވެ.

"ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ނަގާލަން އީޔޫއިން ކުރަމުންދާ މަސައްކަތަށް ދިވެހި ރައްޔިތުން އިންޝާ ﷲ އިޖާބަ ނުދޭނެ. ދިވެހިން ތިބޭނީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ މައްޗަށް ވަކި ގޮތްތަކަކާއި ސިޔާސަތުތަކެއް، ހާއްސަކޮށް އިސްލާމްދީނާއި ގުޅުން ހުރި ކަންކަމުގައި ވަކި ގޮތަކަށް މަޖުބޫރުކޮށް، ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ކަންކަން ކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އިސްލާމްދީނަކީ ހައްގު ދީން. އިސްލާމްދީން އެހެނިހެން ސަގާފަތްތަކާއި ދީންތަކުގެ މީހުންނަށް އިހުތިރާމް ކުރޭ. އިސްލާމްދީން ގޮވާލަނީ ސުލްހަވެރިކަމާއި އަމާންކަމަށް. އިސްލާމްދީނާ ގުޅޭ ފުރިހަމަ މައުލޫމާތު ހޯދުމަށް ޒުވާނުންނަށް އިލްތިމާސްކުރަން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ސުންނީ ޖަމައަތުގެ އަގީދާއަކީ ސައްހަ އަގީދާ ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީގައި ހުރި ސުންނީ އަގީދާއަށް ބާރު ލިބޭ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމުގައި ދެމިތިބުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދޭ ކަމަށެވެ.

އަދި "އިސްލާމްދީނަކީ މި ރާއްޖޭގެ ދާއިމީ މަސްލަހަތުގެ އަސާސް"ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ އަންހެންނުނާއި ގުޅޭ ތަރިކަ މުދަލުގެ ވާހަކަ އީޔޫއިން ދައްކަނީ އިސްލާމްދީނުގެ ހަގީގަތް ނުބަލާ ކަމަށެވެ. އަދި ވިދާޅުވީ އިސްލާމްދީނުގައި ތަރިކަ މުދާ ބެހެނީ ޖިންސަށް ވުރެ ބޮޑަށް މައްޔިތާއާ ދިރިތިބީންގެ އޮންނަ ގާތްކަމަށް ބަލާފައި ކަމަށާއި، އަދި މިފަދައިން އަންހެނުންނަށް ތަރިކަ މުދާ ލިބޭ ފަހަރު ގިނަ ކަމަށްވެސް، އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. ޝަހީމް ވިދާޅުވިއެވެ.