19 Apr 2018, 19:43
ބޭންކް އޮފް މޯލްޑިވްސް ޕލކ (ބީއެމްއެލް)ގެ 35 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ މޭމަހުގެ 13 ވަނަ ދުވަހު ބާއްވަން އެ ބޭންކުން ނިންމައިފިއެވެ.
ގައުމީ ބޭންކުން މިއަދު ބުނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު 13ގައި ބާއްވަން ނިންމައި، ކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް އެ ޖަލްސާއަށް ދައުވަތު އަރުވާ ކަމަށެވެ.
"ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 މެއި 2018 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި،" ބީއެމްއެލްއިން ބުންޏެވެ.
އަހަރީ އާންމު ޖަލްސާގައި، 34 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މިދިޔަ އަހަރުގެ ބެލެންސް ޝީޓް ފާސްކުރުމާއި، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން އޮންނާނެއެވެ.
މީގެ އިތުރުން، ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުންވެސް އޮންނާނެއެވެ.
މިދިޔަ މާރިޗް މަހުގެ ތެރޭގައި ބީއެމްއެލްގެ ބޯޑުން ވަނީ، 2017 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން 118،402،240 ރުފިޔާ ބަހަން ފާސްކޮށްފައެވެ. މި ފައިސާ ބަހާނީ ހިއްސާއަކަށް 22 ރުފިޔާގެ މަގުންނެވެ.
ގައުމީ ބޭންކުން ބުނީ، 2017 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީ، 26 އޭޕްރީލް 2018ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މިއަހަރު ގައުމީ ބޭންކު އޮޑިޓުކުރުމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލާފައި ވަނީ، ކޭޕީއެމްޖީއާއި ޕްރައިސްވޯޓަރހައުސްކޫޕާސްއެވެ.
ޑިރެކްޓަރުންގެ ބޯޑު
ކުރިއަށް އޮތް އަހަރަށް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން ވަނީ، އަށް ބޭފުޅެއްގެ ނަން ހުށަހަޅައިފައެވެ. އޭގެ ތެރޭން ހަތް ބޭފުޅުންނަކީ މިދިޔަ އަހަރުވެސް އެ ބޯޑުގައި ތިއްބެވި ބޭފުޅުންނެވެ. ބޯޑަށް އަލަށް ހުށަހަޅާފައިވާ ނަމަކީ، ހ. ވައިފިލާގޭ، ހައްވާ ސަފްނާއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާފައި ވަނީ މިހާރުވެސް އާންމު ހިއްސާދާރުން ތަމްސީލުކުރައްވަމުން ގެންދަވާ ތިން ބޭފުޅުންނެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާ ބޭފުޅުން
ސައީދާ އުމަރު: ދަަފްތަރު ނަންބަރު ރސ 621 ،މާލެ (ކުންފުނީގެ މިހާރުގެ ޗެއާޕާސަން)
- މރ. އެންޑްރޫ ހީލީ (މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ)
- މުހައްމަދު ޝަރީފު: ގ. އިފާއު (ޑެޕިއުޓީ ސީއީއޯ)
- މުހައްމަދު ލުވޭޒް، މއ. ދިލާސާގެ.
- އަބްދުލްހާރިސް، ގ. އެކްރާ.
- އާއިޝަތު އަރުޝާ، މ. ނަރުގިސްމާގެ އާގެ.
- ރާބިހް މުހައްމަދު، އަނބުގަސްދޮށުގެ، ތ. ވިލުފުށި.
- ހައްވާ ސަފްނާ، ހ. ވައިފިލާގެ.
އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ބޭފުޅުން
މުހައްމަދު އަބްދުއްސައްތާރު، މއ. ޓިއުލިޕް ވިލާ.
- އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ.
- އިބްތިޝާމާ އަހްމަދު ސައީދު، މ. އެގްޒީޓަރ.