31 Aug 2011, 10:59
ގްރޭންޑަރެއް ބޭނުންކޮށްގެން ގުރާ ކޮށްޓެން ހަދަން އުޅުނު ތ. ވަންދޫ ކައުންސިލްގެ މެންބަރެއްގެ ލޮލާއި މޫނު ކަފައިގެން ގޮސް ވަރަށް ބޮޑަށް ޒަހަމުވެ، އޭނާގެ ހާލު ސީރިއަސް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ވަންދޫ ކައުންސިލްގެ ރައީސް އަހުމަދު މަޖުދީ މިއަދު ވިދާޅުވީ އެ ރަށު ކައުންސިލްގެ މެންބަރު ހަސަން ރިޔާޒު ގްރޭންޑަރެއް ބޭނުންކޮށްގެން ގުރާ ކޮށްޓެއް ހަދަނިކޮށް އޭނާގެ މޫނު އިއްޔެ ކަފައިގެން ދިޔައީ ގްރޭންޑަރު ބިއްމައްޗަށް ވެއްޓި، ގްރޭންޑަރުގެ ބުރު ކުދިކުދިވެ، ބުރައިގެން އައި ބަތަކުން އޭނާގެ މޫނުގައި ޖެހިގެން ކަމަށެވެ.
މަޖުދީ ވިދާޅުވި ގޮތުގައި ގްރޭންޑަރުގެ ބުރުގެ ބައިތަކުން ޖެހި ރިޔާޒުގެ ބުމައިން ފެށިގެން އަނގައިގެ މިޔަކަންޏާ ހަމައަށް ވަނީ ކަފައިގެންގޮސްފަ އެވެ. އަދި އޭނާގެ ތުންފަތާއި ލޯވެސް ކަފައިގެން ގޮސްފައިވާ ކަމަށް މަޖުދީ ވިދާޅުވި އެވެ.
"ލޮލުގެ ކަޅީގެ ބައެއް ވެސް އޮތީ މަސައްކަތް ކުރި ތަނުގައި. އަދި ތުންފަތް ކަފައިގެންގޮސް ދަތެއް ވެސް ވަނީ ވެއްޓިފައި،" އިއްޔެ ހަވީރު 3:30 ހާކަންހާއިރު ހިނގި ހާދިސާއާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
މަޖުދީ ވިދާޅުވީ އެ ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވެ، ރިޔާޒު ވަނީ ވޭމަންޑޫ އަތޮޅު ހޮސްޕިޓަލަށް ރިޕޯޓްކޮށް، އަދި ހަމަ އިއްޔެގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފަށައިފަ އެވެ.
މަޖުދީ ވިދާޅުވީ ރިޔާޒު މާލެ ގެނެވުނީ ވަރަށް ހާލުން ކަމަށާއި ލޯންޗު މާލެ އަށް ދަތުރު ކުރި އިރު ދެތިން ފަހަރު ހުއްޓިފައިވާ ކަމަށެވެ. އަދި ރިޔާޒުގެ ބީޕީ ކަނޑުމަތީގައި ދަށަށްދާން ފެށުމުން ވ. އަތޮޅު ރަށަކަށް މަޑުކޮށް ފަރުވާ ދޭން ޖެހުނު ކަމަށާއި އޭނާ މާލެ ގެނެވުނީ ކޯސްޓް ގާޑުގެ ވެސް ވަރަށް ބޮޑު އެހީތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ނިއުރޯ ސާޖަނު ނެތުމާ އެކު ރިޔާޒު ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި އެކަމުގައި ކައުންސިލާއި އޭނާގެ އާއިލާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ވަގުތެއްގައި އޭނާ ރާއްޖެ އިން ބޭރަށް ގެންދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރިޔާޒުގެ މިހާރުގެ ހާލަކީ ކޮބައިތޯ ދެންނެވުމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރިޔާޒް ސްޓޭބަލް ކަމަށާއި އިތުރު ފަރުވާއަށް މިރޭ ބޭރަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.