27 May 2010, 14:47
19:00
ސައިކަލެއްގައި ދިޔަ ދެ މީހަކު ރޭ މައްޗަންގޮޅި ބުރު ސަރަހައްދުގައި ހުރި އުމުރުން އަހަރުގެ ފިރިހެން ކުއްޖެއްގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.
ރޭގެ ހަމަލާގައި ޒަޚަމްވި މ. ސަމީރާއާބާދު، ޝިފާޒް އާދިލް އަށް ފަރުވާދެމުން އަންނަ އައިޖީއެމްއެޗުން މިއަދު ބުނީ އުމުރުން 14 އަހަރުގެ އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި މޭ ކަށިގަނޑާ ދިމާލަށް ވަރަށް ފުންކޮށް ތޫނު އެއްޗެއް ހަރާލައިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ. ނަމަވެސް މިއަދު ކުރި އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
ޝިފާޒް އާދިލްގެ މަންމަ އައިމިނަތު ސޯލިހް މިއަދު ބުނީ ޝިފާޒަށް ހަމަލާދީފައި ވަނީ ރޭ 10:45 ހާއިރު އޭނާއާ އެއްބަނޑު އެއްބަފާ ހަމައެކަނި ހުރި ދައްތައަށް ގޮވާލަން ހޮސްޕިޓަލަށް ގޮސް ރައްޓެއްސަކާ އެކު ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ބުނީ ވަޅިން ދިން ހަމަލާތަކުގެ ސަބަބުން ޝިފާޒްގެ ފުރަމެއާއި ގޮހޮރު ފޫގޮސްފައިވާ ކަމަށެވެ.
އިމާދުއްދީން ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ޝިފާޒަށް ހަމަލާދޭން ޖެހުނު އެއްވެސް ސަބަބެއް ނޭނގޭ ކަމަށާއި ޝިފާޒަކީ ގްރޫޕުތަކާ ގުޅިގެން އުޅޭ ކުއްޖެއް ނޫން ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ޝިފާޒަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށް ތަހުގީގު ކުރިއަށް ދާތީ އޭގެ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.