19 Apr 2018, 17:19
ބްލަކް މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންޒިއުމާ ފެއާ މިއަދު އާޓްގެލަރީގައި ފަށައިފިއެވެ.
މިއީ ކޮންޒިއުމާ ފެއާ ބާއްވާ ހަވަނަ ފަހަރެވެ. މިއަހަރުގެ ފެއާގައި ޖުމްލަ 11 ކުންފުންޏަކުން ބައިވެރިވާއިރު، ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ގަޑިއަކު ގުރުއަތުލުމެއް ނަގާނެ އެވެ. އަދި ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް ހަދިޔާއެއް ދޭން ވަނީ ހަމަޖައްސާފައެވެ.
އާޓް ގެލަރީގައި މިއަދު ފެށި އެ ފެއާ ހުޅުއްވައިދެއްވީ އެ ފެއާގެ ގޯލްޑް ޕާޓްނަރު ބީއެޗްއެމް ޓްރޭޑާސްގެ މެއިން ސަޕްލަޔާއެއްކަމަށްވާ އޯލް އިންޓަނޭޝަނަލްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ޓާން ސިންކީ އެވެ.
ކޮންޒިއުމާ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފެއާ ހުޅުވުމަށްފަހުގައި ވާހަކަދައްކަވަމުން ބްލަކްގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވީ، މިއަހަރުގެ ފެއާއިން އެގްޒެބިޓަރުންނާ ފެއާއަށް ޒިޔާރާތް ކުރާ ފަރާތްތަކަށްވެސް ވަރަށް ފައިދާ ހުރި ކާމިޔާބު ފެއާއަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހުޝާމް ވިދާޅުވީ، މި ފަހަރުގެ ކޮންޒިއުމާ ފެއާ ރޯދަމަހާ ގާތްކޮށް ހުޅުވުމުން އެގްޒެބިޓަރުންގެ ފަރާތުން ވަރަށް ހާއްސަ ޕްރޮމޯޝަން އަގުތަކެއްގައި ތަކެތި ގަންނަން ލިބެން ހުންނާނެ ކަމަށެވެ.
"މިފަހަރުގެ ފެއާގައި އެގްޒިބިޓަރުންގެ ސްޓޯލްތަކުން ބާޒާރުގައި ތަކެތި ވިއްކަން ހުންނަ އަގަށްވުރެ މާ ބޮޑަށްވެސް އެހޮ އަގުގައި ތަކެތި ގަންނަންވެސް ލިބެން ހުންނާނެ،" ހުޝާމް ވިދާޅުވިއެވެ.
ކޮންޒިއުމާ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މޯލްޑިވްސް ކޮންޒިއުމާ ފެއާއަކީ އެކި ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކާއި، މުދާ ގަންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެވޭނެ ގޮތެއް ހަމަޖައްސައިދޭ ޕްލެޓްފޯމެކެވެ. އެ ފެއާއިން ބަދިގޭ ސާމާނުން ފެށިގެން ކާން ބޯން ބޭނުންވާ ސާމާނާ ހަމައަށްވެސް ލިބެން ހުންނާނެއެވެ.
މި އަހަރުގެ ފެއާގެ ތެރެއިންވެސް އައު އުފެއްދުންތަކެއް މާކެޓަށް ނެރި ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއްގައި ވިއްކަން ވަނީ ހަމަޖެހިފައެވެ.