31 Aug 2011, 09:34
ޓޯކިޔޯ (އޮގަސްޓް 31) : ޖަޕާނުގެ އާ ބޮޑުވަޒީރަކަށް އިޚްތިޔާރުކޮށްފައިވާ އެޤައުމުގެ ކުރީ ސަރުކާރުގެ މާލީ ވަޒީރު ޔުޝިހީކޯ ނޮޑާ އަށް ޖަޕާނުގެ ޕާލަމެންޓުން ރުހުން ދީފިއެވެ. ނޮޑާގެ ސަރުކާރަށް އިތުބާރުއޮތްތޯ ބެލުމަށް ޕާލަމެންޓްގައި އިއްޔެ ނެގި ވޯޓުގެ އަޣްލަބިއްޔަތު އޭނާގެ ސަރުކާރަށް ލިބުނު ކަމަށް ކިޔޮޑޯ ނޫސްއެޖެންސީ ބުނެއެވެ.
ނޮޑާ އަށް ބޮޑުވަޒީރުކަމަށް އިޚްތިޔާރު ކުރެވުނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ޒަޢީމަކަށް އޭނާ އިންތިޚާބު ކުރެވުމުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ ޒަޢީމު ކަމުގެ މަޤާމަށް ފަސް ބޭފުޅަކު ވާދަކުރެއްވިރު ޕާޓީގެ ކައުންސިލްގެ މެންބަރުންގެ އެންމެ ގިނައިން ވޯޓު ލިބުނީ ނޮޑާއަށެވެ. އެއީ 215 ވޯޓެވެ. ނޮޑާއާ އެންމެ ގާތުން ވާދަކުރެއްވި ސިނާޢަތާބެހޭ ވަޒީރު ބެންރީ ކައިޑާ އަށް ލިބުނީ 177 ވޯޓެވެ.
އާންމު ގޮތެއްގައި ޖަޕާނުގެ ބޮޑުވަޒީރަކީ އެޤައުމުގައި ވެރިކަން ކުރާ ޕާޓީގެ ޒަޢީމަކަށް ހުންނަވާ ބޭފުޅެކެވެ. ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ނާވްތޫ ކާން ގެ މަޤާމު ގެއްލި ވަޑައިގަތީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ޒަޢީމް ކަމުގެ މަޤާމުން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެއީ ޖަޕާނަށް ކުރިމަތިވެފައިވާ ގިނަގުނަ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ނާވްތޫ ކާން އަށް ލިބިވަޑައިގެންފައިނުވާ ކަމަށްބުނެ ޖަޕާނުގެ އެތެރޭގައި އޭނާއަށް ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެންނެވެ. ނޮޑާ އަކީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޖަޕާނުގައި ވެރިކަން ކުރައްވާ 6 ވަނަ ބޮޑުވަޒީރެވެ. (ރޮއިޓާސް)