31 Aug 2011, 09:27
ޓްރިޕޮލީ (އޮގަސްޓް 31) : މަޤާމުން ދުރުކުރެވިފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ރައްޔިތުންނާއި ހަނގުރާމަވެރިން ހިންގި ޙަރަކާތްތަކުގައި ބައިލައްކައެއްހާ މީހުން މަރުވެފައިވާ ކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.
ޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ކުރި ހަނގުރާމައިގާ އިސް ދައުރެއް އަދާކުރެއްވި ކޮމާންޑަރެއް ކަމަށްވާ ކާރނަލް ހިޝާމް އަބޫ ޙަޖަރު ވިދާޅުވީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ގައްޒާފީގެ ބާރުތަކުގެ އަތްދަށުން އާންމުންނާއި ހަނގުރާމަވެރިންގެ ބައިލައްކައެއްހާ މީހުން މަރުވެފައިވާ ކަމަށާ ވީނުވީ ނޭނގި ގެއްލިފައިވާ މީހުންން ވެސް މަރުވި މީހުން ކަމަށް ބަލާފައިވާނެ ކަމުގަ އެވެ.
ގައްޒާފީގެ ބާރުތަކާއި ހަނގުރާމަވެރިންނާ ދެމެދު އެންމެ ބޮޑަށް ހަނގުރާމަ ހިނގި ދެރަށް ކަމަށްވާ މިސްރާތާއާއި ޒްލީތަންގައި އެކަނި ވެސް 17 ހާސް މީހުން މަރުވި ކަމަށް ކާރނަލް ހިޝާމް ވިދާޅުވި އެވެ.
ގައްޒާފީގެ ބާރުތަކުން އާންމުންގެ އެންމެ ގިނަ ބަޔަކު މަރާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ހަފްތާގައި އޭނާގެ ވެރިކަމާ ދެކޮޅަށް ބެންޣާޒީގައި ކުރި ސުލްޙަވެރި މުޒާހަރާތަކާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުން ބަރުހަތިޔާރު ބޭނުން ކުރުމުގެ ސަބަބުންނެވެ. ޢާންމުންނާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުންވަނީ ޢަސްކަރީ ފައިޓާ ޖެޓާއި ބޮޑުބަޑިއާއި ރޮކެޓާއި ޓޭންކުން ވަރުގަދަ ޙަމަލާތަކެއްދީ އެއްހަފްތާ ތެރޭގައި ހަ ހާސް މީހުން މަރާލާފަ އެވެ.
ނަމަވެސް އެއަށްފަހު ގައްޒާފީގެ ލަޝްކަރާއި ސަރުކާރު ބައިބައިވެ އެއްބަޔަކު ރައްޔިތުންގެ ކޮޅަަށް ޖެހުމާ އެކު އޭގެ ތެރެއިން ބައެއްމީހުންނާއި ލީބިޔާގެ ޒުވާނުން ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ހަތިޔާރު އުފުލަން ފެށުމާއި ނޭޓޯ އިން ގައްޒާފީގެ ބާރުތަކަށް ވައިގެ ޙަމަލާތައް ދޭން ފެށުމުން ދެން ގިނައިން މަރުވަމުން ދިޔައީ ހަނގުރާމަ ވެރިން ކަމަށް ކާރނަލް ހިޝާމް ވިދާޅުވި އެވެ.
ގައްޒާފީގެ ވެރިކަމުގައި ހައްޔަރުކޮށްފައިވާ ޖަލު މީހުންގެ ތެރެއިން 28 ހާސް މީހުން މިހާރު މިނިވަންކުރެވިފައިވާ ކަމަށާއި ޓްރިޕޮލީގައި ގައްޒާފީގެ އެއްވެސް ބާރެއް މިހާރުނެތް ކަމަށް އޭނާ ވިދާޅުވި އެވެ. (ރޮއިޓާސް)