ބޭންކް އޮފް މޯލްޑިވްސްއިން ބ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް، އޭދަފުށީގައި ދެމުންގެންދާ ބޭންކުގެ ހިދުމަތް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، އޭދަފުށީގައި އެ ބޭންކުން ދެމުންގެންދާ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން މިހާރު އެ ރަށުގައި ބޭންކުގެ ޚިދުމަތް ދެމުންދާ ބްރާންޗް އެންމެ ޒަމާނީ ބްރާންޗަކަށް ބަދަލުކޮށް، ސެލްފް ސާވިސް ބޭންކިން ސެންޓަރެއް މިއަދު ހުޅުވާފައިވާ ކަމަށެވެ.

އެ ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މިއަދު އޭދަފުށީގައި އާ ބްރާންޗް ހުޅުވާ ދެއްވީ އެރަށުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ އާއި ބީއެމްއެލްގެ ޗެއާޕާސަން ސައީދާ އުމަރުއެވެ.

ބީއެމްއެލްއިން އޭދަފުށީގައި އައު ބްރާންޗް ހުޅުވުން-- ފޮޓޯ/ ބީއެމްއެލް

ބްރާންޗް ހުޅުވުމަށްފަހު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެންޑްރޫ ހީލީ ވިދާޅުވީ، އޭދަފުށީގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭދަފުށްޓަކީ ވިޔަފާރި އާއި އިގްތިސާދީ ގޮތުން ބަލާއިރު އެ އަތޮޅުގެ މައި ރަށަށް ވުމާއެކު އެ ބޭންކުގެ އިންވެސްޓްމަންޓްތަކުގެ ފައިދާ އެ ރަށާ ކައިރި މާޅޮސް، ދަރަވަންދޫ އަދި ދޮންފަނުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.

މިއަދުގެ އެ ހަފްލާގައި ބޭންކުގެ ކަސްޓަމަރުންނާއި އޭދަފުށީގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ އަދި އެކި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. އޭދަފުށީ ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލްމަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.