ދެ ހާސް ދިހަ ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު އެފްއޭއެމް އިން އަލަށް ތައާރަފުކުރި ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ތަށި ދެ ވަނަ ފަހަރަށް ވެލެންސިއާ އިން ދިފާއުކޮށްފި އެވެ.

ވެލެންސިއާ ދެ ވަނަ ފަހަރަށް ތަށި ދިފާއު ކުރީ ފައިނަލް ގައި ހޯމަ ދުވަހު ހަވީރު ވިކްޓަރީ 3-2 ލަނޑުން ބަލިކޮށްލުމަށް ފަހު އެވެ. މި ދެޓީމަކީ މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ބައްދަލުރި ދެޓީމެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ފުރަތަމަ ލަނޑު ވެލެންސިއާއިން ޖަހާ ލީޑް ހޯދީ މެޗްގެ ދެ ވަނަ މިނެޓްގައި އަބްދުﷲ ޝާހިދެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދި ޝާހިދު ފުރަތަމަ ލަނޑުޖަހާ ވެލެންސިއާ އަށް ލީޑް ހޯދާދިންތާ ދެ މިނެޓް ނުވަނީ އެޓީމަށް މުހައްމަދު އިބްރާހިމް )ދޮންބެ( ވަނީ ދެ ވަނަ ލަނޑު ޖަހާ މެޗްގެ ލީޑް ފުޅާ ކޮށްފަ އެވެ. މެޗްގައި ވެލެންސިއާ އިން ޖެހި ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ގޯލްކީޕަރު އަސްލަމް އަބްދުއްރަހީމެވެ. މި ޕެނަލްޓީ ވެލެންސިއާ އަށް ލިބުނީ އެ ޓީމުގެ މުހައްމަދު ވިލްދާނަށް ވިކްޓަރީގެ ކެޕްޓަން އަހުމަދު އައްފާލް ހުރަސް އަޅައި ވައްޓާލުމުންނެވެ. އަދި ރެފްރީ އަލީ ސަލީމް ވަނީ ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ އައްފާލް ކުރި ފައުލަށް އޭނާ އަށް ސީދާ ރަތްކާޑެއް ދައްކާފަ އެވެ.
މެޗްގައި ވިކްޓަރީން ޖެހި ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް ނާޒިމް )ރޮމޭ( އެވެ. އަދި ވިކްޓަރީގެ ދެ ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނަޒީހު އެވެ.
ނަމަވެސް މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު، ވެލެންސިއާ އިން ވަނީ ލީޑު ހިފަހައްޓައި މެޗު ކާމިޔާބުކޮށްފަ އެވެ.

ފުރަތަމަ ހާފްގެ 26 ވަނަ މިނެޓްގައި ވިކްޓަރީގެ އަފްއާލަށް ރަތްޑެއް ދައްކާ، މެޗްގެ ބާކީ ބައި 10 ކުޅުންތެރިންނާއެކު ވިކްޓަރީ ކުޅެމުން ދިޔަ ނަމަވެސް މެޗުގެ ފަހު މިނެޓުގައި ވެލެންސިއާގެ ޔޫސުފް އަޒީމް )ޔޫއްޓޭ( އަށް ބޯޅަ ނެތީސް ހަމަލާދިނުމުން ވިކްޓަރީގެ އިމްރާން ވާފިރު )އިންމަ( އަށް ވަނީ ރަތްކާޑު ދައްކާފަ އެވެ.
ފައިނަލް މެޗަށްފަހު ޗެމްޕިއަންޓީމަށް ތަށި ހަވާލް ކުރުމުގެ އިތުރުން، މުބާރާތުގެ އެކިއެކި ވަނަތަށް ހާސިލްކުރި ކުޅުން ތެރިން ވެސް ވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެލެންސިއާގެ ދޮންބެ ހޮވުނުއިރު 40 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިއުގެ މޫސާ މަނިކު )ކުޑަމޫސަ( އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ވެލެންސިއާގެ ކީޕަރު އަސްލަމް ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކީ އެ ކްލަބުގެ ފަންތޮށި މުހައްމަދު ނާޒިމެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ވެލެންސިއާގެ ބިންމާ އަބްދުﷲ ވަހީދު ހޮވުނުއިރު އެންމެ މޮޅު ފޯވާޑަކީ ވިކްޓަރީގެ މުހައްމަދު ޝާޒްލީ އެވެ. އޭނާ އަކީ ވީބީ ސްޕޯޓްސްގެ ޝާހު އިސްމާއިލް )ސާޔާ( އާއި ވެލެންސިއާގެ ޝާހިދާ އެކު މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނަ ހިއްސާ ކުރާ ކުޅުންތެރިޔެކެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކީ ވިކްޓަރީ އެވެ.