18 Apr 2018, 22:22
ފެބްރުއަރީ އެއްވަނަ ދުވަހުގެ ހާދިސާ އާއެކު ޤައުމަށް ވަފާތެރިންނަކީ ކޮބައިކަމާއި، ޚާއިނުން ހާމަވެއްޖެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 84 ވަނަ އަހަރީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، އެކެއް ފެބްރުއަރީގައި ފުލުހުންގެ މުއައްސަސާގެ ތެރެއިން ހިންގަން އުޅުނު ކަންތައްތަކަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސްފަރާތަކަށް އޭރު ހުރި ފަރާތުން، ބައެއް ފުލުހުންނާ ގުޅިގެން ކުރަން ރާވާފައިވާ ކަންތައްތަކެއް ކަމަށެވެ. އެއީ ވަކި ފަރާތަކަށް ވެރިކަން ހޯދައިދިނުމަށް ކުރަން ރާވާފައިވާ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިކަމަކީ ގަބޫލު ކުރަން ދަތި ހަގީގަތެއް. ފުލުހުންގެ މުއައްސަަސާ އަށް ނިސްބަތްވާ ބައެއް ފަރާތްތަކަކީ ޣައްދާރުންގެ ގޮތުގައި ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ ބަޔަކަށް ވެގެން ދިއުން. މިއީ ދުވަހަކުވެސް ފުލުހުންގެ މުއައްސަސާގެ ތާރީޚުގައި އަލުން ލިޔަން ބޭނުންވާ ފަދަ އަމަލުތަކެއް ނޫން،" ހޯމް މިނުސްޓަރު ވިދާޅުވިއެވެ.
"ފެބްރުއަރީ އެކެއްގައި ގެނެވުނީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ގެނެވުނު، ގާނޫނުއަސާސީގެ ބާރު ކަނޑުވާލާ، މުޅި ގައުމުގެ ހިންގުން ހުއްޓުވާލާ ނިޒާމު ގަޑުބަޑުކޮށްލުމަށް ޖުޑިޝަރީ މެދުވެރިކޮށް ގެނެވުނު ބަޣާވާތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު އަޒްލީން ވިދާޅުވީ، އެ އަމަލަކީ ބާރުތައް ވަކިކުރުމުގެ މާނަ މުޅިން އޮޅުވާލައި، ގައުމު ޑެޑްލޮކަކަށް ގެނެސް ވަކިބަޔަކަށް މަންފާ ލިބޭނެ ގޮތަކަށް ގައުމުގެ ވެރިކަން ބައްޓަން ކުރުމަށް ހޯދުމަށް ކުރި މަސައްކަތެއްކަމަށާއި ފުލުހުންގެ މުއައްސަސާގެ އެންމެ އިސްވެރިޔަކަށް އޭރު ހުރި ފަރާތުން އެކަމަށް ވާގިވެރިވެފައިވާ ކަމަށެވެ.
މިއަދު ފުލުހުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ގިނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދުމަށް ފުލުހުންގެ މުއައްސަަސާއިން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
"ސަރުކާރަށް ވަފާތެރިވުމަކީ ރައްޔިތުންގެ މަސްލަހަތު ދެމެހެއްޓުމަށް މަަސައްކަތް ކުރުން ކަމަށާއި އެކަމަށް މަސައްކަތްކުރާ އެންމެ އިސް ފަރާތަކީ ސަރުކާރުކަން ބަލައިގަނެ، ގާނޫނު އަސާސީގެ ބޭރުން ގައުމުގެ އަމާންކަން ނަގައިލުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވެ އެފަރާތްތަކާ ދެކޮޅަށް މަސައްކަތްކުރުން،" ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ގައުމަށް ވަފާތެރިވުމަށް ފުލުހުންނަށް އިލްތިމާސްކުރައްވައިފައެވެ.