ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ)އިން ހޮވާ ޕްރިމިއާ ލީގުގެ ޑްރީމް ޓީމު އިއުލާން ކޮށްފިއެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއަށް ބާކީ ފަސް މެޗު އޮތް އިރު، އެޓީމުން ވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފައެވެ. ސިޓީން ލީގުގައި ދެއްކި މޮޅު ކުޅުމާއެކު ޕްރިމިއާ ލީގުގެ ގަދަ 11ގައިވެސް ސިޓީގެ ކުޅުންތެރިން ގިނައެވެ.

ގަދަ 11ގެ ގޯލްކީޕަރަކަށް ޔުނައިޓެޑްގެ ޑޭވިޑް ޑެހެއާ ހިމެނިފައިވާ އިރު، އޭނާ ވަނީ ސީޒަންގައި ކުޅުނު 32 މެޗުން 16 ކްލީންޝީޓް ހިފަހައްޓައިފައެވެ.

ޓީމުގެ ޑިފެންސުގައި ހިމެނެނީ ސިޓީގެ ނިކޮލަސް އޮޓަމެންޑީ، ކައިލް ވޯކާގެ އިތުރުން ޓޮޓެންހަމްގެ ޑިފެންޑަރު ޔޭން ވަޓޮންގަންއެވެ. ވާތް ފަޅީގެ ފަހަތުގައި ހިމެނެނީ ޗެލްސީގެ މާކަސް އެލޯންސޯއެވެ.

ޓީމުގެ މިޑްފީލްޑުގައި ހިމެނޭ ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނަކީ ސިޓީގެ ދެ ކުޅުންތެރިންނެވެ. އެއީ ޑޭވިޑް ސިލްވާ އަދި ކެވިން ޑިބްރޭނާއެވެ. އެ ދެކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަންއެވެ.

މިއަހަރުގެ ޓީމުގެ ފޯވަޑް ލައިންގައި ހިމެނެނީ ލިވަޕޫލްގެ މުހައްމަދު ސަލާހްގެ އިތުރުން ޓޮޓެންހަމްގެ ހެރީ ކޭން އަދި ސިޓީގެ ސާޖިއޯ އަގުއޭރޯއެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާއަށްވެސް ވާދަކުރާ ސަލާހާއި ކޭން އަދި އަގުއޭރޯއަކީ ޕްރިމިއާ ލީގުގެ ރަން ބޫޓަަށްވެސް ވާދަކުރާ ތިން ކުޅުންތެރިންނެވެ. ސަލާހް ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާރު 30 ގޯލް ޖަހައިފައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރާ ކޭން މި ސީޒަންގައި 26 ގޯލް ޖަހައިފައިވާ އިރު، އަގުއޭރޯވެސް ވަނީ ލީގުގައި 21 ގޯލް ޖަހައިފައެވެ.

މިއަހަރުގެ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ޖަރުމަނުގެ ލެރޮއި ސާނޭ، ގަދަ 11ގައި ހިމެނިފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.

ޕްރިމިއާ ލީގުގެ ގަދަ 11ގެ އިތުރުން ޕީއެފްއޭއިން ވަނީ އިނގިރޭސި ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނާއި ހަތަރު ވަނަ ޑިވިޝަންގެ ގަދަ 11ވެސް އިއުލާންކޮށްފައެވެ.