ފުލުހުންގެ ޚިދުމަތަށް ބަދުނާމް އަންނަނީ މަދު ފުލުހުންތަކެއް ކުރާ ކަންކަމުގެ ސަބަބުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފުލުހުންގެ ހިދުމަތައް ބަދުނާމް އަންނަނީ މަދު ފުލުހުންތަކެއް ކުރާ ކަންކަމުގެ ސަބަބުން ކަމަށެވެ.

"ފުލުހުންގެ މުއައްސަސާއިން އެންމެ ކުޑަކުޑަ ކުށެއް ކުރެވިއްޖެ ކަމަށްވާނަމަ އެއީ ޖެހޭ ލައްގަނޑެއް. ލައްފިލުވާ ބޭހުން ފިލާ ކަމެއް ނޫން އެއީ. އެހެންވީމަ ފުލުހުންގެ މުއައްސަސާގެ ހިދުމަތަކީ އެގޮތަކުން ދަންނަވާނަމަ ސްޓެއިންލެސް ޖޮބެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކަން މިހެން އޮތުމާއެކު ފުލުހުންގެ މުއައްސަސާގެ ކަންކަން މިނާ މިންގަނޑަކީ ކުރާ މަސައްކަތަށް އަބަދު ތައުރީފް ލިބޭނެ ކަމެއް ކަމުގައި ދެކުން ނޫން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނަށް ކުރިމަތިވާ ބަދުނާމުތަކަކީ މަދުބަޔަކު ކުރާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ކަމެއް ނަމަވެސް އެކަންކަމާމެދު ވިސްނަންޖެހޭ ކަމަށެވެ.

"އަބަދުވެސް ކުރެވޭ ކަންކަމުގެ މައްޗަށް ފާރަވެރިވާނަމަ އެއް އަހަރުން އަނެއް އަހަރަށް އެއް މަހުން އަނެއްމަހަށް ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ގިނަ ރައްޔިތުންގެ ތައުރީފް ލިބުނެއް ކަމަކު ފުލުހުން އަބަދުވެސް ވަޒީފާ އަދާކުރަނީ އެ ތައުރީފް ހޯދަންކަމަށް ދެކުމަކީ މައްސަލައެއް ކަމަށެވެ. އަދި ވިދަޅުވީ ފުލުހުންނަކީ އެއަށް ވުރެ ބޮޑު މަސްއޫލިއްޔަތެއް ހަވާލުކޮށްފައިވާ ބައެއް ކަމަށެވެ.

"ފުލުހުންގެ ހިދުމަތަކީ މަތިވެރި ޝަރަފްވެރި އަމާނާތެއް. ހަމަ އެކަނި މޮޓޯއަކުން ލޯގޯއަކުން ފުއްދާލެވޭކަށް ނެތް. އަމަލީ ގޮތުން އެކަން ދައްކަންޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.