18 Apr 2018, 21:25
ބަގްދާދު (ރޮއިޓާސް) - އަތުލައިގަނެފައިވާ އައިއެސް ޖަމާއަތަށް ނިސްބަތްވާ 212 މީހަކަށް އިރާގުގެ ކޯޓަކުން މަރުގެ ހުކުމް އިއްވާފައިވާ ކަމަށް ޝަރުއީ ދާއިރާގެ މަސްދަރުތަކުން މިއަދު ބުނެފިއެވެ. އޭގެ ތެރޭގައި އެތައް ސަތޭކަ ބިދޭސީންނެއް ވެސް ހިމެނެއެވެ.
އެ އެންމެންނަށް ހުކުމް އިއްވާފައިވަނީ ދެ ކޯޓަކުންނެވެ. އެއީ އައިއެސްގެ ބާރުގެ ދަށުގައި ކުރިން އޮތް އިރާގުގެ އުތުރުގައި އޮންނަ މޫސުލްގައި ހުންނަ ކޯޓަކުންނާއި ބަގުދާދުގައި ހުންނަ ކޯޓަކުންނެވެ.
ބަގުދާދުގައި ހުންނަ ކޯޓުން ހުކުމް ކުރަމުންދަނީ ބޮޑަށް އަންހެނުންނާއި ބިދޭސީންނަށެވެ.
"ކްރިމިނަލް ކޯޓުން ލިބެމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، 815 މީހަކަށް ވަނީ ދައުވާ ކުރެވިފައި. އޭގެ ތެރެއިން 212 މީހަކަށް މަރުގެ ހުކުމް ވަނީ އިއްވާފައި. އަދި އިތުރު 150 މީހުންނަށް އިއްވާފައިވަނީ އުމުރަށް ޖަލަށް ލާން،" ޝަރުއީ ދާއިރާގެ ތަރުޖަމާން ފަނޑިޔާރު އަބްދުލް ސައްތާރު އަލް ބިގްދާރު ވިދާޅުވިއެވެ.
ނަމަވެސް މަރުގެ ހުކުމް މިއަދު އިއްވި އެއްވެސް ހުކުމެއް ތަންފީޒު ކުރިކަމެއް އަދި ނޭނގެއެވެ.
ތަރުޖަމާން އިތުރަށް ވިދާޅުވީ، މިއަދު ދައުވާކުރި މީހުންގެ ތެރެއިން 314 މީހަކަށް އެކިވަރުގެ ޖަލު ހުކުމް އިއްވިއިރު، 112 މީހަކު ދޫކޮށްލައިފައިވާ ކަމަށެވެ.
ޝަރުއީ މަސްދަރުތަކުން ބުނާ ގޮތުން، ހުކުމް އިއްވި ގިނަ އަންހެނުންގެ ތެރޭގައި ގިނައީ ތުރުކީ އަދި ކުރީ ސޮވިއެޓް ޔުނިއަންގެ ގައުމުތަކުގެ މީހުންނެވެ.
ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ އާބާދީއެއް އޮތް މޫސަލްއަށް އައިއެސް ޖަމާއަތުން ވެރިވެގަނެ، އަވަށްޓެރި ސޫރިޔާއަށް ފެތުރެން ފެށީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އެ ޖަމާއަތާ ދެކޮޅަށް އެކި ގައުމުތަކުން ދިޔައީ ހަނގުރާމަ ކުރަމުންނެވެ.
އެގޮތުން، އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ފަހު އަވަށް މިނިވަންކޮށް، އެ ޖަމާއަތުގެ މައްޗަށް ނަސްރު ލިބުނުކަން އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބްދާދީ އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އޭގެ ފަހުން މިދިޔަ ޖަނަވަރީން ފެށިގެން މިހާތަނަށް އައިއެސް ޖަމާއަތާ ގުޅުން އޮތް ގައުމުން ބޭރުގެ 97 ރައްޔިތަަކަށް ވަނީ މަރުގެ ހުކުމް އިއްވައި، 185 މީހަކު އުމުރު ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.
އަދި ޖަނަވަރީ މަހު އިރާގުގެ ކޯޓަކުން އައިއެސްއަށް ވާގިވެރިވެފައިވާ ކަމަށް ތުހުމަތުކުރާ ޖަރުމަނުގެ އަންހެނަކަށް މަރުގެ ހުކުމް އިއްވިއިރު، ފަރެންސޭސިވިލާތުގެ އަންހެނަކު އުމުރަށް ޖަލަށްލާން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.