18 Apr 2018, 20:51
ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ވޭތުވެދިޔަ ދެ އަހަރު ބާއްވަމުން ދިޔަ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި މިއަހަރު ބައިވެރިވުމަށް ވަކި އުމުރުފުރައެއް އަލުން ކަނޑައަޅައިފިއެވެ.
ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވަމުން ދިޔަ ގޮތަށް ގެނައި ބަދަލާއެކު، މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައަޅާފައި އޮތް އޮތުން ވެސް ވަނީ އުވާލައިފައެވެ.
އޭގެ އިތުރުން ފޮތުގެ އަދަދުން ވަނަ ހޮވައި ގޮތަށް ބަދަލުކޮށް، މުބާރާތުގެ އަންހެން ބައިވެރިންނާއި ފިރިހެން ބައިވެރިން ވަކިން އިންސާފު ކުރުމަށް ނިންމިއެވެ.
ނަމަވެސް މިއަހަރު ބާއްވާ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައި އެ މަރުކަޒުން ގެޒެޓްކުރި އިއުލާނުގައި ބުނާގޮތުން، މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައި ވުމާއެކު އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވާންޖެހެއެވެ.
އޭގެ އިތުރުން މުބާރާތުގައި ބައިވެރިކުރެވޭނެ އަދަދު ބަޔާންކޮށްފައިވާ ބައިގައި މުބާރާތުގެ ދެ ބައިގެ ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރި ކުރެވޭނީ ގިނަވެގެން ދެ ކެންޑިޑޭޓުން ކަމަށް ބުނެފައިވީ ނަމަވެސް، މިދިޔަ އަހަރާ ހިލާފަށް، އެއީ އަންހެން އަދި ފިރިހެން ކެންޑިޑޭޓެއް ކަމަށް ވަކިން ބުނެފައެއް ނެތެވެ.
އެ ބަދަލުތަކާ ގުޅޭގޮތުން ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އެކަމާ ގުޅޭ މައުލޫމާތު ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަހަރު ބާއްވާ ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ 26 އޯގަސްޓް 2018 ވަނަ ދުވަހު މާލޭގައި ކަމަށެވެ.
އަތޮޅު ކައުންސިލްތަކަށާއި ސިޓީތަކަށާއި އިސްލާމްދީނަށް ހިދުމަތް ކުރުން އެ ފަރާތެއްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ޖަމިއްޔާތަކަށާއި ކުންފުނިތަކަށާއި ކުލަބްތައް އަދި ޖަމާއަތްތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތް މިއަހަރު ވެސް ބާއްވާނީ ދެ ބަޔަކަށެވެ.
އެއީ ފޮތުން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައެވެ. އެއިން ކޮންމެ ބައެއް ވެސް ބެހިފައިވަނީ ތިން ގޮތްޕަކަށެވެ. އެ ގޮފިތަކަކީ:
ފޮތުން ކިޔެވުމުގެ ބައި
ވިދިވިދިގެން 10 ފޮތް ތަޖްވީދު ހަމަތަކުގެ މަތިން
- ވިދިވިދިގެން 20 ފޮތް ތަޖުވީދު ހަމަތަކުގެ މަތިން
- މުޅި ޤުރުއާން ތަޖުވީދު ހަމަތަކުގެ މަތިން
ހިތުން ކިޔެވުމުގެ ބައި
ވިދިވިދިގެން ފަސް ފޮތް ތަޖުވީދު ހަމަތަކުގެ މަތިން
- ވިދިވިދިގެން 10 ފޮތް ތަޖުވީދު ހަމަތަކުގެ މަތިން
- ވިދިވިދިގެން 20 ފޮތް ތަޖުވީދު ހަމަތަކުގެ މަތިން
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ، މުބާރާތުގައި ބައިވެރިވާ އެއް ފަރާތަކުން އެންމެ ގިނަވެގެން ބައިވެރި ކުރެވޭނީ 12 ކެންޑިޑޭޓުންނަށް ކަމަށެވެ.
އަދި މުބާރާތުގައި ބައިވެރިވެވޭނީ އެކަމަށްޓަކައި އެ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމް ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅައި މަރުކަޒުން ގަބޫލުކުރިކަން އެންގުމުން ކަމަށް އެ މަރުކަޒުން ބުނެއެވެ.
އެގޮތުުން އަންނަ ޖުލައި މަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މަރުކަޒަށް ހުށަހަޅަންޖެހޭއިރު، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު (26 އޭޕްރިލް 2018) އިން ފެށިގެން އެ ފޯމް މަރުކަޒުންނާއި މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.