18 Apr 2018, 18:28
ކ. ކާށިދޫން ގޯއްޗަށް ކުރިމަތިީ މީހުންނަށް ގޯތި ދިނުމުގައި ގެންގުޅޭ ޕޮއިންޓު އުސޫލުގައި ގިނަ މީހުން އެއްވަރުވުމުން، ގޯތިދޫކުރުމުގައި ގުރުއަތުލުމަކަށް ދާން ނިންމައިފިއެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ކާށިދުން ގޯތި ދޫކުރާނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ.
ގޯތިދޭ ކެޓަގަރީތައް
- ރަށުގެ ރަށްވެހިން
- ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
- ރަށުގައި ދިރިނޫޅޭ އަދި ރަށުގެ ރަށްވެހިކަށް ނޯންނަ މީހުން
ސުލްތާން ވިދާޅުވީ، ގޯއްޗަށް ހުޅުވާލި ކެޓަގަރީތަކުގެ ތެރެއިން ބައެއް ކެޓެގަރީތަކުގައި ގިނަ ބަޔަކަށް އެއްވަރަކަށް ޕޮއިންޓު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެއްވަރުވި ފަރާތްތަކުގެ ތެރެއިން ގޯތި ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އަންނަ ހުކުރު ދުވަހުގެ ރޭ ކ. އަތޮޅު މަދަރުސާގައި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގުރުއަތުލުމަށް އަންނައިރު، އެއްވެސް ސަބަބަކާހުރެ ހާޒިރުވެވެން ނެތް ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ގޯއްޗަށް އެދިފައިވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް ކާށިދޫ ކައުންސިލުން ބުންޏެވެ.