ރާއްޖޭގައި ބާއްވާ ދެވަނަ ޓެކްސްޓާސް ސްޓާޓަޕް ވީކެންޑް އަންނަ މަހު ހަތަރަކުން ހަޔަކަށް ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ ޓެކްސްޓާސްް ކޮމިއުނިޓީގެ ލީޑަރުން އޯގަނައިޒް ކޮށްގެން، އެލިއާ އިންވެސްޓްމަންޓް، އެލައިޑް އިންޝިއުރެންސް، މާލެ އެރޭޓެޑް ވޯޓާ ކޮންޕެނީ، އަދި ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ބާއްވާ މިފަހަރުގެ އެ އިވެންޓަކީ ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ.

ސްޓާޓަޕް ވީކެންޑުގައި، މެނޭޖަރުންނާއި، ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، މާކެޓިންގެ ތަޖުރިބާކާރުންނާއި، ގްރެފިކް ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެއެވެ.

54 ގަޑިއިރަށް ކުރިއަށްގެންދާ އެ ވޯކްޝޮޕްގެ ބައިވެރިން ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި މެންޓަރުންނާ ބައްދަލުކޮށް އެ ފަދަ މީހުންގެ އިރުޝާދުގެ މަތިން ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެއެވެ.

ޓެކްސްޓާ އަކީ 2006 ވަނަ އަހަރުން ފެށިގެން ވިޔަފާރިވެރިން އުފައްދައި ތަމްރީން ކުރަމުން އަންނަ ބައިނަލް އަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިންވަނީ މިދިޔަ އަހަރު ސްޓާޓަޕް ވީކެންޑެއް ބޭއްވުމުގެ އިތުރުން މިނިސްޓްރީއޮފް އިކޮނަމިކް ޑިވެލޮޕްމަންޓާ ގުޅިގެން ޒުވާން ވިޔަފާރިވެރިން ތަމްރީނުކުރާނެ ބަޔަކު އުފެއްދުމަށް ޓްރެއިނިން އޮފް ޓްރެއިނާސްގެ ތަމްރީން ޕްރޮގްރާމެއްވެސް ހިންގާފައެވެ.