Back
Nov 23, 2025 SUN
SUN

ހަސަން ސައީދު ހޯދަން އުޅޭކަން ފުލުހުން އަންގާފައެއް ނުވޭ: ވަކީލުން

ހަސަން ސައީދު ހޯދަން އުޅޭކަން ފުލުހުން އަންގާފައެއް ނުވޭ: ވަކީލުން
Lead photo

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހޯދަން އުޅޭކަން ފުލުހުން އޭނާއަށް އަންގާފައިނުވާ ކަމަށް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ވަކީލުން ބުނެފި އެވެ.

ހަސަން ސައީދުގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާގެ ފުރަތަމަ(އިބްތިދާއީ އަޑުއެހުން) މިއަދު ބާއްވާފައިވާ އިރު ހަސަން ސައީދުގެ ފަރާތުން ވަނީ ހަ ވަކީލަކު ކޯޓަށް ވަޑައިގަންފަ އެވެ. ނަމަވެސް ގާޒީ އަލީ އާދަމް ނިންމެވީ ދިފާއީ ވަކީލުންގެ ތެރެއިން ޝަރީއަތުގައި ވާހަކަފުޅު ދެއްކެވޭނީ ދެ ވަކީލުންނަށް ކަމަށެވެ.

އެހެންކަމުން ވަކީލުންގެ ޓީމުން ނިންމީ ޝަރީއަތުގެ މަޖިލީހުގައި ހިސާން ހުސެއިންނާއި ނޫރުއްސަލާމް އަބޫބަކުރު ވާހަކަފުޅު ދެއްކެވުމަށެވެ.

އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވަވަމުން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ ހަސަން ސައީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާކޮށްފައި ވަނީ އޭނާ ހޯދަން ފުލުހުން އިއުލާން ކުރިކަން އެނގި ހުރެ ފިލައިގެން އުޅެފައިވާތީ ކަމަށެވެ.

ދައުވާ އިއްވެވުމުން ދިފާއީ ވަކީލުން ވަނީ ދައުވާއާ ގޫޅޭ ގިނަ ލިޔެކިޔުންތަކެއް ނުލިބޭ ކަމަށް ބުނެ އެ ލިޔުންތައް ހޯދައިދިނުމަށް އެދިފަ އެވެ. އަދި އެއްވެސް ލިޔުމެއް ސިއްރު ކުރެވޭނީ ކޯޓުން އަމުރެއް ނެރެދިނުމަން ކަމަށް ބުނެ ދިފާއީ ވަކީލުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވައި ޕީޖީގެ ވަކީލު ވިދާޅުވީ ދައުވާ ފޯމްގައި ހިމަނާފައި ނުވާނީ ހެކިންގެ ޕާސަނަލް މައުލޫމާތު ކަމަށާއި އެ ލިޔެކިޔުންތަކަކީ އެއްވެސް އިރެއްގައި ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ހަސަން ސައީދުގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ކޯޓުން އަމުރެއް ނުނެރެ އެއްވެސް ލިއުމެއް ސިއްރު ނުކުރެވޭނެ ކަމަށާއި ވަގުތީ އަމުރެއް ނަމަވެސް ނެރެގިން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެގޮތަށް ވިދާޅުވުމުން ގާޒީ އަލީ އާދަމް ވަނީ ދައުލަތުން ސިއްރުކުރުމަށް އެދިފައިވާ ލިޔުންތައް ސިއްރުކުރުމަށް ވަގުތީ އަމުރެއް ނެރެދެއްވާފަ އެވެ. އަދި އެ ދައުވާއަށް އިއުތިރާފު ވުމަށް ނުވަތަ ދެކޮޅު ހެއްދެވުމަށް ފުރުސަތު ދެއްވުމުން ވެސް ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ.

އެގޮތުން ހަސަން ސައީދު ހޯދަން އުޅޭކަން ފުލުހުން އޭނާއަށް އަންގާފައިނުވާ ކަމަށާއި އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވީ ނަމަވެސް އެ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާތީ އެކަމަށް ތަބާވާން ނުޖެހޭ ކަމަށް ވެސް ވަކީލު ނޫރުއްސަލާމް ވިދާޅުވި އެވެ.

ނޫރުއްސަމާލްގެ ވާހަކަތައް ހުއްޓުވައި ގާޒީ ވިދާޅުވީ ދައުވާއާ އިބްތިދާއީ އަޑުއެހުމަކީ ދައުވާ އިއްވައި ދައުވާއަށް އިންކާރު ނުވަތަ އެއްބަސްވާކަން ހާމަކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށާއި އޭގެ ފަހުން އިތުރު ކަންތައްތަކަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

އެގޮތަށް ޝަރީއަތުން އެންގުމުން ހަސަން ސައީދު ވިދާޅުވީ ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި އިންކާރު ކުރާ އެންމެ ބޮޑު އެއް ސަބަބަކީ ދައުވާ ސާފުނުވާތީ ކަމެށެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ. އެ ހުށަހެޅުންތައް ތައްޔާރުކުރުމަށް ދިފާއީ ވަކީލުން އެދިވަޑައިގަތް ގޮތަށް ވަނީ 15 ދުވަސް ކޯޓުން ދީފަ އެވެ. އަދި ހަސަން ސައީދު މާފުށީ ޖަލުގައި ހުންނެވުމުން މިހާރު ވަކީލުންނަށް ދެއްވާ ވަގުތުގެ ދެގުނަ ވަގުތު ދެއްވުމަށް ކޯޓުން އަންގާނެ ކަމަށް ޝަރީއަތް ނިންމާލުމުގެ ކުރިން ގާޒީ ވިދާޅުވި އެވެ.

ހަސަން ސައީދު ހައްޔަރުކުރީ ކުއްލި ހާލާތު އިއުލާންކުރުމަށް ފަހު، ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށެވެ.

ގާނޫނާ ޚިލާފަށް ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ފުލުހުން ހަސަން ސައީދުގެ މައްޗަށް ކުރެ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics