ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ކުޅިވަރު މުބާރާތްތައް ބޭއްވޭނެ ފަދަ ވަސީލަތް ގާއިމު ކުރުމަށް ޝަރުތުކޮށް ބޭރުގެ ކުންފުންޏަކަށް ރާއްޖޭގެ ފަސް ފަޅު ރަށެއް ރިސޯޓް ހަދަން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހާ ހަވާލާދީ، ސަރުކާރުގެ ރަސްމީ ގެޒެޓްގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބުނެފައި ވަނީ 400 އެނދު އެޅޭ ވަރުގެ ފަސް ރަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމާފައި ވަނީ ގދ. އަތޮޅުން ކަމަށެވެ. އެއީ އެ އަތޮޅު ވާދޫކައިރީގައި އެއްފަޅުގެ ތެރޭގައި އޮންނަ ކަޅެހެރާ އާއި މަތިހުއްޓާއި ލައިހާ އާއި ބޮޑުހުއްޓާ އަދި މުދިހުއްޓާ ކަމަށް ވަޒީރުންގެ މަޖިލީހުން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އިއްޔެ ވިދާޅުވީ، އެންޑީއެން ކިޔާ އެމެރިކާގެ ކުންފުންޏަކަށްދޭ އެ ފަސް ރަށް ކުއްޔަށް ދޭނެ މުއްދަތު ކަނޑައަޅާނީ ނޭޝަނަލް ޕްލޭނިން ކައުންސިލުގެ މަޝްވަރާ އަށް ފަހު ކެބިނެޓުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އާންމު އުސޫލުން އެ ފަސް ރަށުން ވެސް ދައުލަތަށް ދައްކަން ޖެހޭ ކުލި، އަކަ މީޓަރަކަށް އަށް ޑޮލަރުގެ ރޭޓުން ދައްކާނެ ކަމަށެވެ.

"އެ މީހުން 22 މިލިއަން ޑޮލަރު ]339 މިލިއަން ރުފިޔާ[ އެޑްވާންސަށް ދައްކާ ގޮތަށް އޮތީ،" ޒުލްފާ ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހާ ހަވާލާދީ ގެޒެޓްގައި ބުނެފައި ވަނީ، އެ މަޝްރޫއަށް އިންވެސްޓް ކުރާ ފަރާތާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ފައިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރާ އެކު ކުރާ އެގްރީމަންޓްގައި ސޮއިކުރުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

އެ މަޝްރޫއު އަށް އިންވެސްޓް ކުރާ ފަރާތާ އެކު ކުރާ އެގްރީމަންޓްގައި ހިމެނޭނީ ކޮންކޮން ކަންތައްތަކެއްތޯ ދެންނެވުމުން ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ވަކި އެއްޗެއް ވިދާޅެއްނުވި އެވެ.

ހިއުމަން ރިސޯސަސް މިނިސްޓްރީ އިން ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަރުދާހެއްގައި ބުނެފައި ވަނީ އެ ފަސް ރަށް ކުއްޔަށް ނަގާ ފަރާތުން ރާއްޖޭގައި ސާފް ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވޭ ވަދަ ވަސީލަތްތައް ގާއިމުކޮށްދޭން ޖެހޭ ކަމަށެވެ.

އެ އޭގެ ތެރޭގައި މާލޭގައި ސިންތަޓިކް ޓްރެކަކާއި އެތުލެޓިކްސް އަށް ބޭނުންވާ ވަސީލަތް ގާއިމު ކުރުމާއި ސޯޝަލް ސެންޓަރުގެ ދެކުނަށް އޮތް ބިމުގައި ނޭޝަނަލް އެކުއަޓިކް ސެންޓަރެއް ގާއިމުކޮށް، ސްވިމިން ޕޫލަކާއި އެއާ ގުޅޭ ވަސީލަތް ގާއިމު ކުރާނެ ކަމަށެވެ. އަދި ސޯޝަލް ސެންޓަރަށް އުނި އިތުރު ގެނެސް، މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމާއި އަތޮޅުތަކުގެ ފްޓްބޯޅަ ދަނޑުތައް ރަނގަޅު ކޮށްދިނުން ހިމެނޭ ކަމަށެވެ.

"މި މަޝްރޫއު ހިންގާ ފަރާތަށް އިންސެންޓިވްއެއްގެ ގޮތުން، 400 އެނދުގެ ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް، ހިންގުމަށް، ގދ. އަތޮޅުން އެއްފަޅު ތެރޭގައި ހިމެނޭ ކަޅެރެހާ، މަތިހުއްޓާ، ލައިހާ، ބޮޑުހުއްޓާ އަދި މުދިހުއްޓާ ]ފަސް ރަށް[ ކުއްޔަށް ދިނުން." ގެޒެޓްގައިވެ އެވެ.